ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުން ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ތަހުގީގަށް މާލެ ގެނައުމަށް މިއަދު ނިންމާފައިވީ ނަމަވެސް އެކަން ކެންސަލް ކޮށްފި އެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ނިންމައި ޝަހީދު ހުސެން އާދަމް ބިލްޑިންގ ސަރަހައްދު މިއަދު ބަންދުކުރި ނަމަވެސް މިހާރު ވަނީ އެކަން ކެންސަލްކޮށް އެ ސަރަހައްދު ވެސް ހުޅުވާލާފަ އެވެ.

ކުރިން ހަމަޖައްސާފައި އޮތީ ތަހުގީގަށް ފަހު އެމަނިކުފާނު އަމިއްލަ ގެކޮޅަށް ހަތަރު ގަޑިއިރަށް ގެންދާށެވެ. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެމަނިކުފާނު ތަހުގީގަށް މާލެ ގެނައުން ވަނީ ކެންސަލް ކޮށްފަ އެވެ.

މިމަހުގެ ދެވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ މާލެ ގެނެސްފަ އެވެ. އެދުވަހު ވަރަށް ގިނައިރުވަންދެން އެމަނިކުފާނާއި ފުލުހުން ވަނީ ސުވާލުތައް ކޮށްފަ އެވެ. ފުލުހުން ބުނީ، އެތަހުގީގަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީނާއި ސުވާލު ކުރުމަށް ފަހު ވަނީ ބަޔާން ނަގާފައިވާ ކަމަށެވެ.

އެމަނިކުފާނު މިހާރުވެސް އަންނަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.