ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މެންދުރުއެވެ. ގިނަ އިރުތަކެއް ވަންދެން ފުލުހުން ވަނީ އެމަނިކުފާނާ ސުވާލު ކޮށްފައެވެ. ރައީސް ޔާމީންގެ ވަކީލުންވެސް ވަނީ އެމަނިކުފާނާއެކު ފުލުހަށް ވަޑައިގެންފައެވެ.
ފުލުހުން ބުނީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުއާމަލާތަކާއި ގުޅޭ މައްސަލައެއްގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީނާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ. މިއީ ކުރިންވެސް ފުލުހުން ތަހުގީގު ކުރަމުން އައި މައްސަލައެކެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނީ ފުލުހުން ކުރަމުން ދަނީ ސިޔާސީ މަސައްކަތެއް ކަމަށާ އެކި މައްސަލަތައް އުފައްދައިގެން ތަހުގީގު ކުރުމުގެ ނަމުގައި ހިންގަނީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ. ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ފުލުހުން ބަލަމުންދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރަށެއްގެ މައްސަލަ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމުގެ އެއްވެސް ނިޔަތެއް އަދި ހިތްވަރެއްވެސް މި ސަރުކާރުގައި ނެތް ކަމަށާ އެކަންކަން ފުލުހުންގެ އިދާރާއިން ނުވެސް ބަލާނެ ކަމަށެވެ. ޖަމީލް ވިދާޅުވީ ހިޔާނާތުގެ ތުހުމަތު މި ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް އެބައޮތް ކަމަށާ އެކަންކަން ބަލާނެ ހިތްވަރެއް ނުހުންނާނެ ކަމަށެވެ.
"މި ތަހުގީގު މި ހިންގެނީ ރައީސް ޔާމީނަކީ މިވަގުތު އިދިކޮޅު ލީޑަރު ކަމަަށްވާތީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހައްގުން މަހުރޫމް ކުރުވުމަށް ކުރުވުމަށް. މިއީ އެއްވެސް ހާލެއްގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކުރާ ކަމެއް ނޫން. އެކަންކަން ބެލުމުގެ އެއްވެސް ނިޔަތެއް ވިސްނުމެއް މިއަދުގެ ސަރުކާރުގައި އަދި ފުލުހުންގެވެސް ނެތް. އަޅުގަނޑުމެންނަށް މިއަދު ފުލުހުންގެ އިދާރާ މި ސިފަ ކުރެވެނީ ސީދާ ރަންރީނދޫ ކުލައިގެ އެމްޑީޕީގެ ވަފާތެރި އެމްޑީޕީން ބޭނުންވާ ގޮތަކަށް 'ނަށަން' ތިބި މުއައްސަސާއެއްގެ ގޮތުގައި. އެއީ ހިތާމައާއެކުވެސް ބުނަަން ޖެހޭ ވާހަކައަކީ،" ފުލުހުންގެ އިދާރާ ކުރިމަތީ ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށާ އެ ރަށްރަށުން ލިބުނު ފައިސާގައި އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ނޮވެންބަރު މަހު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރީ ސަރުކާރުތަކުން ރިސޯޓް ހަދަން ދޫކުރި ގިނަ ރަށްތަކެއް ނުހެދި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހުއްޓިފައިވާ ކަމަށެވެ. ކުރީ ސަރުކާރުތަކުން ދޫކުރި 85 ރަށެއް އަދިވެސް ނުހެދި އޮތް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށެވެ. އެ ރަށްރަށް އިންވެސްޓަރުންނަށް ދީގެން ލިބުނު ފައިސާގައިވެސް އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
"އަދި މިހާ ހިސާބަށް އައިއިރުގައި ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީ އެއް ނެތް، ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅު ރަށެއް ރިސޯޓް ހަދާކަށް އަދި ދޫކޮށްފައެއް ނުވާނެ. އަދި އެހާ ހިސާބުން ނިމުނީއެއް ނޫނޭ އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބިވަޑައިގެންނެވި ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އެއިގެން ހަރަދު ކުރެވޭނީ،"