ހަބަރު

ފައިރޫޝް، ޑީޑީ އަދި ރިޔާޒްއަށް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްކަން އަދާ ކުރެއްވި އަބްދުﷲ ފައިރޫޝްއާ، އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް ދީދީ އަދި ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ރިޔާޒްއަށް އަލުން ފުުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފައިރޫޝް އާއި ރިޔާޒް އަދި ޑީޑީ ވަކިކޮށްފައި އެ ތިން ބޭފުޅުންގެ މައްސަލަ ވެސް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބެލުމަށް ފަހުގަ އެވެ. ފައިރޫޝްގެ މައްސަލަ ބެލީ ސޯޝަލް މީޑިއާގައި ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރު އުފެދޭ ގޮތަށް ވާހަކަދެއްކި ކަމަށް ބުނެ އެވެ. އަދި ރިޔާޒްއަށް ފިޔަވަޅު އަޅާފައި ވަަނީ އޭނާއާ ގުޅޭ އަހުލާގީ މައްސަލައެއް ބެލުމަށް ފަހުގަ އެވެ.

އެ ދެ ބޭފުޅުންނާއި ޑީޑީގެ މައްސަލާގައި ސިވިލް ކޯޓުން ނިންމީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިންނެވެ. އެއީ ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން ހައްލެއް ލިބޭތޯ ކުރިޔަށް ގެންދާ މަރުހަލާއެވެ. އޭގައި ދައުލަތުން ވަނީ ރިޔާޒް އަދި ފައިރޫޝް ވަކި ކުރުމުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށާއި އެކަށީގެންވާ ވަރަށް ބަލާފައި ނުވާ ކަމަށް އެއްބަސްވެފަ އެވެ.

އެހެންކަމުން ސިވިލް ކޯޓުން ހުކުމް ކުރީ އެ ތިން ބޭފުުޅުން ކުރިން ތިބި ފެންވަރުގެ ވަޒީފާއެއް ދިނުމަށާއި ވަކި ކުރި ދުވަހުން ފެށިގެން ދޭން ޖެހޭ އިނާޔަތްތަކާއި މުސާރަ ދިނުމަށެވެ.

މިފަހުން ސުޕްރީމް ކޯޓުން ވަނީ ފުލުހުންގެ އިންޓެލިޖަންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު)އަށް ވެސް ވަޒީފާ ދިނުމަށް ހުކުމްކޮށްފަ އެވެ. އަދި އޭނާއަށް މިހާރު ވަނީ އެކްޓިން ޕޮލިސް ކޮމިޝަނަަރުގެ މަގާމްދީފަ އެވެ.