ހަބަރު

ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރަން 126 މިލިއަންގެ މަޝްރޫއެއް

ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމަށް 126 މިލިއަން ރުފިޔާގެ މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނި ގޮތުގައި ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރަން އެ މިނިސްޓްރީ އާއި އެމްޓީސީސީ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރީ އިއްޔެ އެވެ. އެ ކޮންޓްރެކްޓުގެ އަގަކީ 126.10 މިލިއަން ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން މުދާ އުފުލުމަށާއި ދަރިވަރުންނަށް ހާއްސަ ބަނދަރެއް ހެދުމާއި އާ ނެރެއް ހަދާނެ އެވެ. ކުދި އުޅަނދުތައް އެޅުމަށް ޖެޓީ ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ވެސް ހަދަން ވަނީ އެއްބަސްވެފަ އެވެ. އޭގެ އިތުރުން ފެރީ ޓާމިނަލް އިމާރާތެއް ހެދުމާއި އެ އިމާރާތުގައި ފެރީ ޓިކެޓު ވިއްކުމަށް ކައުންޓަރުތަކާއި އޮފީހާއި ރީޓެއިލް ފިހާރައަަކާއި ނަމާދު ކުރާނެ ތަނެއް އަދި ކެފޭ ފަދަ ތަންތަން ހެދުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އޭގެ އިތުރުން މަސް މާރުކޭޓެއް ހެދުމާއި އެތަނުގައި މަސް ކެނޑުމަށާއި މަސްވެރިން ބޭނުން ކުރުމަށް ފާހަނަ އާއި ސްޓޯ އަދި ފައިސާ ކައުންޓަރުތައް ހަދަން ވަނީ އެމްޓީސީސީއާއެކު އެއްބަސްވެފަ އެވެ. އަދި ކުދި އުޅަނދުފަހަރު ބޭނުން ކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ވޯޓާ ފްރަންޓު ޒޯނެއް ވެސް ހަދަން ވަނީ އެއްބަސްވެފަ އެވެ.