ގެއިން ފިސްތޯލައެއް ފެނުނު މައްސަލަ ތަހުގީގުކޮށްދިނުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެދިވަޑައިގަންނަވައިފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ސުޕްރީމް ކޯޓުން މިރޭ ބާތިލު ކުރުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުގެ އިސް ބަޔަކާއި ފުލުހުންގެ ތެރެއިން މަދު ބައެއް ގުޅިގެން އޭނައާ މެދު ހިންގާފައި ވަނީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އެހެންކަމުން އެކަން ނުބަލާ ދޫކޮށްލައިފި ނަމަ ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ މައްސަލަތައް ތަކުރާރުވުމުގެ ފުރުސަަތު އެބައޮތް ކަމަށާއި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށާއި އެކްޓިން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދުއަށް ގޮވާލާ ކަމަށެވެ.
"މި މައްސަލަ ބަލަން ޖެހޭ ގޮތަށް ތަހުގީގުކޮށް އިންސާފު ކުރިމައްޗައް [އެ ފަރާތްތައް] ނުގެނެވިއްޖެ ނަމަ ދިވެހި ރާއްޖޭގެ އެއްވެސް ފަރުދަކަށް އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ، އެހެންވެ މިކަން މިހާރުން މިހާރަށް ތަހުގީގު ކުރުމަށް އަޅުގަނޑު އެދެން،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން 1402 ދުވަހާއި 20 ގަޑިއިރު ނާޒިމް އާއި އޭނާގެ އާއިލާއަށް ލިބުނީ ބޮޑު އަނިޔާއެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އޭނާގެ ހިތައި އެއްވެސް ހަސަދައެއް ނެތް ކަމަށާއި އެއްވެސް މީހަކާ މެދު ބުރަ ހިތެއް އޮވެގެން މަސައްކަތް ނުކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކޮށް ދޭން ހުށަހެޅުއްވި މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު މިރޭ އިއްވި ހުކުމްގައި، ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި އެންމެ ބޮޑު ސަބަބަކީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ އެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ، ފިސްތޯލައިން ފެނުނު ޑީއެންއޭގެ މޭޖާ ކޮންޕޯނެންޓް އަދީބާ ދިމާވުމަކީ ނާޒިމްގެ ގެއިން ފެނުނު ތަކެއްޗާ އެހެން މީހަކާ ގުޅުމެއްވާ ކަމުގެ ދަލީލެއް ކަމަށެވެ. އަދި، އެ ހެއްކަކީ އެ މައްސަލާގައި ނާޒިމް ފާހަގަ ކުރައްވަމުން ގެންދެވި، އޭނާ ފްރޭމް ކުރި ކަމަށް ވިދާޅުވާ ވިދާޅުވުމަށް ބާރު ލިބޭ ކަމެއް ކަމަށެވެ.
އެ މައްސަލާގައި އެ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމަކީ ގާނޫނީ އަދި ޝަރުއީ ގޮތުން ގޯސް ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލްލުރި އެވެ. އަދި ނާޒިމަކީ އެ ކުށް ސާބިތު ނުވާ ބޭފުޅެއްގެ ގޮތުގައި ނިންމެވި އެވެ. ހުކުމް އިއްވަމުން ގެންދެވި ނާޒިމް ކީރިތި ކުރައްވަމުން ގެންދެވި އެވެ.