ދުނިޔެ

ސީރިއާގެ ގަދީމީ ބިނާތަކުގެ ވަށައިގެން އައިއެސް އިން ގޮވާތަކެތި ވަޅުލަނީ

Jun 22, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހިފާފައިވާ ސިރީއާގެ ގަދީމީ ސިޓީ، ޕަލްމައިރާގައި ހުރި ގަދީމީ ބިނާތަކުގެ ކައިރީގައި މައިން ވަޅުލައި ގޮވާތަކެތި ހަރުކުރަން ފަށައިފި އެވެ.

ސީރިއާގެ ސަރުކާރާ ދެކޮޅު އެކްޓިވިސްޓުންނާ ގުޅުން އޮންނަ ސީރިއަން އޮބްޒްވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ޑިރެކްޓަރު ރާމީ އަބްދުއްރަހުމާން އިއްޔެ ވިދާޅުވީ ގަދީމީ ބިނާތަކުގެ ވަށައިގެން ގޮވާތަކެތި ހަރުކުރަނީ އެ ތަންތަން ގޮއްވާލަން ނުވަތަ ސަރުކާރު ސިފައިންގެ ހަމަލާތަކުން ސަލާމަތްވުމަށްކަން އަދި ޔަގީން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕަލްމައިރާ އަލުން ހިފުމަށް ސަރުކާރު ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށަން ތައްޔާރުވަމުންދާ ކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ.

"އެ ސިޓީގެ ބޭރުގައި ތިބި ސިފައިންނާ އިތުރު ސިފައިން ވަނީ ފާއިތުވެ ދިޔަ ދުވަސްކޮޅެއްގެ ތެރޭގައި ގުޅިފައި. ހީވަނީ އެ ސިޓީ ހިފަން ތައްޔާރުވަނީހެން،" އަބްދުއްރަހުމާން ވިދާޅުވި އެވެ.

މީގެ އިތުރުން، މިދިޔަ ތިން ދުވަހުގެ ތެރޭގައި ޕަލްމައިރާގެ މީހުން ދިރިއުޅޭ ސަރަހައްދަށް އަސްކަރިއްޔާ އިން ގިނަ އަދަދެއްގެ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް އަބްދުއްރަހުމާން ވިދާޅުވި އެވެ. އެ ހަމަލާތަކުގައި އާއްމުންގެ 11 މީހަކު މަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަދީމީ ބިނާތަކުގެ ވަށައިގެން އައިއެސް އިން ގޮވާތަކެތި ވަޅުލަމުންދާ ކަމަށް ސީރިއާ ސަރުކާރުން ވެސް ވަނީ އިއްޔެ ބުނެފަ އެވެ. ސީރިއާގެ ގަދީމީ ބިނާތަކާއި ތަކެތި ރައްކާތެރިކުރުމާ ހަވާލުވެވަޑައިގެން ހުންނެވި މައުމޫން އަބްދުލްކަރީމް ވިދާޅުވި ގޮތުގައި ޕަލްމައިރާގައި ހުރި ގަދީމީ ބިނާތައް ވަނީ ބޮޑު ނުރައްކަލަށް ހުށަހެޅިފަ އެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން ވަނީ މިދިޔަ މަހު ސީރިއާގެ މުހިއްމު އަވަށްތަކެއް ހިފާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން އެންމެ ފަހުން ހިފާފައި ވަނީ ޕަލްމައިރާ އެވެ.

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.