ހަބަރު

ރައީސް އިންޑިއާ ދަތުރުގައި ދިވެހިންނަށް ވިސާގެ ލުއި ލިބޭ އެއްބަސްވުމުގައި ސޮއިކުރާނެ

އިންޑިއާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުޅުގައި ވިސާގެ ބޮޑެތި ލުއިތަކެއް ދިވެހިންނަށް ލިބޭނެ އެއްބަސްވުމެއްގައި ސޮއެ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅާއި ގުޅިގެން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާއިން ވިސާގެ ބޮޑެތި ލުއިތަކެއް ދިވެހިންނަށް ލިބޭ އެއްބަސްވުމެއްގައި ރައީސް ސޯލިހުގެ އިންޑީއާ ދަތުރުފުޅުގައި ސޮއެ ކުރައްވާނެ ކަމަށެވެ.

ރައީސް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އިންޑިއާގެ މީޑިއާތަކުން ވަނީ ރައީސް ސޯލިހުގެ ދަތުރުފުޅުގައި ހުންނަވާނީ އެގައުމުގެ ރިޔާސީ ގަނޑުވަރުގައި ކަމަށް ރިޕޯޓްކޮށްފަ އެވެ. އިންޑިއާގެ އޮފިޝަލަކާއި ހަވާލާދީ އިކޮނޮމިކް ޓައިމްސްގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ އިންޑިއާއިން ރާއްޖޭގެ އާ ލީޑަރަށް ހޫނު މަރުހަބާއެއް ކިޔުމުގެ ގޮތުން ކަމަށެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މުހިންމު ބައެއް ކަންކަމާ މެދު އެއްބަސްވެވިގެން ދާނޭ ކަމަށާއި އޭގެ ތެރޭގައި ވިސާ އާއި އިޖުތިމާއީ އަދި ވިޔާފަރިއާ ގުޅޭ ދާއިރާތައް ހިމެނޭނެ ކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.