ފީފާ

އޭއެފްސީ ނުފޫޒްގަދަ ގައުމުތަކާ ދެކޮޅަށް ފީފާއަށް ރާއްޖޭގެ މާޔަން

ބަންގުލަދޭޝްގެ މަހްފޫޒާ އަހްތަރުއަކީ، ފީފާގެ ކައުންސިލުގެ އަންހެން ގޮނޑިއަށް އޭއެފްސީން މިހާރު އިންތިހާބު ކޮށްފައިވާ ފަރާތެވެ. ބަންގުލަދޭޝްގެ ފުޓްބޯޅަ ފެޑްރޭޝަނުން އޭރު މަހްފޫޒާގެ ނަން، އޭއެފްސީގެ ކޮންގްރެސްއަށް ހުށަހެޅީ ބަންގުލަދޭޝްގެ ފެޑްރޭޝަންގެ ރައީސް، ކާޒީ ސޮލާހް ދީން އާ މަހްފޫޒާ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިންނެވެ.

މަހްފޫޒާ އަހްތަރު ފާހަގަ ކުރެވިފައި ވަނީ، އޭއެފްސީގެ މެންބަރުންގެ މެދުގައިވެސް ނުފޫޒު ގަދަ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާގެ ނުފޫޒު ގަދަވި ނަމަވެސް މުޅި އޭއެފްސީއަށް އޭނާގެ ފަރާތުން އަންނަ ފައިދާ ކުޑަ އެވެ. ފީފާގެ ކައުންސިލުގައި ދެކުނު އޭޝިއާ ތަމްސީލު ކުރުމުގެ މަސްއޫލިއްޔަތު އޮތް ނަމަވެސް އެކަށީގެންވާ ވަރަށް އޭނާގެ ދައުރު ފެނިގެން ނުދާތީ، މަހްފޫޒާ ރިޕްލޭސް ކުރުމަށް އޭއެފްސީ އާއި ސަރަހައްދުގެ އެހެން ގައުމުތަކުންވެސް ތިބީ ބޭނުންވެފަ އެވެ.

އެ މަގާމު ރިޕްލޭސް ކުރުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން 'އެފްއޭއެމުން' ހުށަހެޅީ، ކުރިން އޭއެފްސީގެ އަންހެން ފުޓްބޯލް ކޮމިޓީގެ މެންބަރުކަންވެސް ފުރުއްވި މަރްޔަމް މުހައްމަދު 'މާޔަން' އެވެ. ކުރިން އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގެ ހެޑްކަންވެސް ކުރި މާޔަންގެ ނަން އެފްއޭއެމުން ހުށަހެޅީ، ސަރަހައްދުގެ އެހެން ގައުމުތަކުންވެސް އެކަމަށް އެދުމުމުންނެވެ.

"އޭއެފްސީގެ އަންހެން ފުޓްބޯލް ކޮމިޓީގައި މަސައްކަތް ކުރިއިރު މާޔަން ވެސް ދަންނަން އެމީހުން، ޝަވީދު ބުނީ މޮޔާ ޑޯޑް ވެސް ރިކްއެސްޓް ކުރިއޭ، ރާއްޖެއިން މާޔަންގެ ނަންވެސް ހުށަހަޅަން ވީނޫންހޭ، އަދި މި ސަރަހައްދުގެ ގައުމުތަކުންވެސް ބޭނުން ވެފައިތިބީ މަގާމު ބަދަލު ކުރަން،" މާޔަން ކިޔައި ދިނެވެ. "ބެލެވެނީ އެހެންވެ ކަމަށް އެފްއޭއެމުން މާޔަންގެ ނަން ހުށަހަޅަން ނިންމީ."

އޮސްޓްރޭލިއާގެ މާޔޯ ޑޯޑްއަކީ މިހާރުވެސް ފީފާގެ ކައުންސިލް މެންބަރެކެވެ. މޯޔާވެސް މާޔަންގެ ނަން ހުށަހެޅުމަށް ރާއްޖޭގެ ކިބައިން އެދުނީ މާޔަންގެ ފުޓްބޯޅަ ކެރިއާގައި ކޮށްފައިވާ އެކަށީގެންވާ މަސައްކަތައް ރިއާޔަތް ކުރުމަށް ފަހު އެވެ. މާޔަން ވަނީ ފުޓްބޯޅަ ކުޅުމުގެ އިތުރަށް އަންހެން ފުޓްބޯޅަ މެނޭޖްމެންޓް ދާއިރާގައިވެސް މަސައްކަތް ކޮށްފަ އެވެ. އެހެންވެ އަންހެން ފުޓްބޯޅައިގައި އޭނާގެ ވަނަވަރު ރަނގަޅު ވުމަކީ އިންތިހާބުގައި އޭނާއަށް އޮތް ބޮޑު ފުރުސަތެކެވެ.

އިންތިހާބުގައި މާޔަންއަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ މަހްފޫޒާ އެވެ. މިފަހަރުވެސް އޭނާގެ ނަން ހުށަހަޅާފަ އެވެ. އަދި ފިލިޕީންސް، އުތުރު ކޮރެއާ އަދި ފަލަސްތީންގެ ފަރާތުންވެސް ވަނީ ނަންތައް ހުށަހަޅާފަ އެވެ.

"ހަމަގައިމުވެސް މި ސަރަހައްދުގެ ނޭޕާލާއި ޝްރީލަންކާ، ބޫޓާނުން މާޔަން އަށް ވޯޓް ދޭނެ ކަމަށް ބުނެފަ ވަނީ، އެއީ އެ ގައުމުތަކުގެ ފެޑްރޭޝަނަށްވެސް އެނގޭނެ މާޔަން، އަދި ޝަވީދުވެސް ބުނި މެދުއިރުމަތީގެ ގައުމުތަކުންވެސް މާޔަން އަށް ވޯޓް ދޭނެޔޭ ދެން އީސްޓުގެ ގައުމުތަކުންވެސް ވޯޓް ލިބޭނެ."

އެފްސީން ފީފާގެ ކައުންސިލަށް ފޮނުވާނެ މެންބަރު ކަނޑައަޅާނީ، އޭއެފްސީގެ އިންތިހާބު ބާއްވާ ކޮންގްރެސް ގަ އެވެ. މި ކޮންގްރެން އޮންނާނީ އަންނަ އަހަރު އޭޕްރީލް މަހު ހަ ވަނަ ދުވަހު މޭލޭޝިއާގަ އެވެ.