ހަބަރު

އަދީބުގެ ޕާޓީއާ ނުގުޅޭނެ ކަމަށް ޝައިނީ ވިދާޅެއް ނުވި!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަހަތުގައި ހުންނަވައިގެން އުފައްދާފައިވާ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްއާ ގުޅިވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅެއް ނުވި އެވެ.

އަދީބު އާއި ޝައިނީއަކީ ކުރިން ވަރަށް ގާތްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ. އަދި ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް އެ ދެ ބޭފުޅުންގެ ކުރެއްވި ބައްދަލުވުމަށް ފަހު ޝައިނީ ވަނީ އަދީބުގެ ވާހަކަތައް ގަބޫލު ކުރެވޭ ކަމަށް ވެސް ފާޅުގައި ވިދާޅުވެފަ އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމަށް ޝައިނީ ދެއްވި އިންޓަވިއުއެއްގައި އަދީބުގެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރައްވާނެތޯ ސުވަލު ކުރުމުން އެއަށް ސީދާ ޖަވާބެއް އޭނާ ނުދެއްވަަ އެވެ ޝައިނީ ވިދާޅުވީ ސިޔާސީ އޮއެވަރު ބަދަލުވާ ގޮތެއް ނޭނގޭނެ ކަމަށާއި ހީވެސް ނުކުރާ ގޮތަށް ކަންކަން ވެފައި ހުރި ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ހަދާނެ ގޮތެއް އަދި ދަންނަވާކަށް ނޭނގޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ސިޔާސީ ކަންތައްތަކުގައި ކުރިޔަށް ވާނެ ގޮތެއް ދަންނަވާކަށް ނޭނގޭނެ، ކާކުތޯ ގަބޫލު ކުރާނީ ރައިސް މައުމޫން އާއި ރައީސް ނަަޝީދާ ދެ ބޭފުޅުން އެއްގަލަކަށް އަރުއްވާނޭ، ކާކުތޯ ގަބޫލު ކުރާނީ ރާއްޖޭގައި ތިބި ސިޔާސީ މަސައްކަތެއްގައި އެހާ ބޮޑު ކާމިޔާބެއް ހޯއްދަވާފާނެ، ކޯލީޝަން މަސައްކަތް ކުރާނެ ކަމެއް ކިހިނެތްތޯ އެނގޭނީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހަކީ އިވޯލްވަމުން އަންނަ އެއްޗެއް، އޭގަ ވާނެ ގޮތެއް ނޭނގެ، އެހެންވެ ކުރިޔަށް ގޮތް ކިޔުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވާނީ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވަނީ ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރަން ނިންމަވައިފަ އެވެ. އެ ޕާޓީ އިން ވަނީ އޭނާއާ ރަސްމީކޮށް ޓިކެޓު ހަވާލުވެސް ކޮށްފަ އެވެ. ނަމަވެސް އެ ޕާޓީގެ ލީޑާޝިޕާ ޝައިނީއާ މައްސަލަ ޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޕާޓީގެ ޓިކެޓު އަތުލިޔަސް ވާދަ ކުރައްވާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.