ހަބަރު

ގޭންގްތަކާ ގުޅުން އޮތް، އެކަމަކު އެއީ ގޯސްގުޅުމެއް ނޫން: ޝައިނީ

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި މާލޭގެ ބޮޑެތި ގޭންގްތަކާއެކު ގާތް ގުޅުމެއް އޮންނަ ކަމަށް ބޮޑެތި ތުހުމަތުތަކެއް އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ދިޔައީ އަމާޒު ކުރައްވަމުންނެވެ. ނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތްކަން ޝައިނީ މިއަދު ހާމަ ކުރައްވައިފި އެވެ.

އެ މައުލޫގައި މީގެކުރިން ޝައިނީ ވާހަކަ ދައްކަވާފައިނުވާއިރު އެ ވާހަކަތައް ފުރަތަމަ ފަހަރަށް ޝައިނީ ހިއްސާ ކުރެއްވީ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގަ އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި އެ ތުހުމަތުތައް އޭނާ ކުރަން ފެށީ ކާނިވާ ސަރަހައްދުގައި ގޭންގްތަކަށް ނިސްބަތްވާ ބައެއް ޒުވާނުންނާއެކު އޭނާ އިސްވެ ހުންނަވާ ބޭއްވި ހަރަކާތަކަށްފަހު އެވެ. ޝައިނީ ވިދާޅުވީ އެ ދުވަހު އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ރާވައިގެން ނިންމާފައި އޮތީ ސަރުކާރު ވައްޓާލުމަށް ކަމަށެވެ.

"ސަރުކާރު ވައްޓާލުމަށް އެމީހުން ބޭނުން ކުރަން އުޅުނީ މަގުމަތީގަ ތިބި މީގެ ގްރޫޕްތަކާއި ސިފައިންގެ ތެރެއިން ބަޔަކާއި ފުލުހުންގެ ތެރެއިން ބަޔެއް، މި މައުލޫމާތު އަޅުގަނޑުމެންނަށް ލިބުނީމަ ރައީސްއަށް ދެންނެވީމަ ވިދާޅުވީ އެކަން ވިޔަނުދީ ހިފަހައްޓައްޗޭ، ބުނީމަ އަޅުގަނޑު ބުނީ ކުރަން ބޭނުން ނުވާ ކަމެއްވީ ނަމަވެސް އަޅުގަނޑަށް ޖެހޭނީ އެމީހުންނާ ވާހަކަ ދައްކައިގެން އެ މީހުން މައިތިކުރާށޭ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ރައީސް ޔާމީން އެކަން ކޮށް ދެއްވުމަށް އެދިވަޑައިގަތުމުން ބައެއް މީހުންނާ ވާހަކަ ދެއްކެވި ކަމަށާއި ވާހަކަ ދެއްކެމުން އެނގުނީ ގުރޫޕްތަކުގެ ޒުވާނުންނަކީ ވައިލެންސްއަށް ދާން ބޭނުންވާ ބައެއް ނޫންކަން ކަމަށެވެ. އެމީހުންނަށް ބޭނުންވަނީ އެމީހުން ކުރަން ބޭނުންވާ ކަންތައްތައް އަޑު އަހާނެ މީހެއް ކަމަށެވެ. އެކަންކަން މަގުފަހިކޮށް ދޭނެ ފަރާތެއް ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑަށް މާޔޫސްވެފައި އެ ޒުވާނުން ތިބިކަން އެނގުނު ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު އެއްބަސްވީ ސަރުކާރުގެ ތެރެއިން ކަންކަން ކޮށް ދިނުމަށް އަޅުގަނޑު އިސްވެ ތެދުވުމަށް، އެހެންވީމަ އެ އުއްމީދުގެ އެ ހުރިހާ ކުދިން އަޅުގަނޑުގެ ފަހަތަށް އަރާފަ، ސަރުކާރު ވައްޓާލައިފިއްޔާ ދެން ވާނެ އުނދަގޫ އަޅުގަނޑު އެ ކުދިންނަށް ކިޔައިދިނިން، ސަރުކާރު ވެއްޓިޔަ ނުދީ ސަރުކާރުގެ ތެރެއިން ކަންކަން ކޮށް ދިނުމަށް ވާހަކަ ދެއްކިން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އެ ޒުވާނުން ބޭނުންވާ ކުޅިވަރުތަކަށް ސަރުކާރުގެ ކުންފުނިތަކުން ސްޕޮންސަޝިޕް ހޯދައިނުން ފަދަ ކަންކަން ކޮށް ދެއްވާފައިވާނެ ކަމަށެވެ. އެކަމުގެ ތެރޭގައި އެ ޒުވާނުން ޝާމިލުވެ އުޅޭނަމަ މަގުމަތީ ހަމަނުޖެހުން ހިންގުމާ ދުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ވަރަށް ރައްޓެހި ކުދިން އެބަ އުޅޭ، އަވަށްޓެރި ކުދިން އެބަ އުޅޭ، އަޅުގަނޑާއެކު ކުޅެން އުޅުނު ކުދިން އެބަ އުޅޭ މީގެ ތެރޭގައި އެބަ އުޅޭ، އެހެންވެ އެ އިހްތިރާމް އެ ކުދިންގެ އަޅުގަނޑަށް އޮވޭ، އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ހަމަނުޖެހުން ހިންގަން އަޅުގަނޑު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާނެ،" ޝައިނީ ވިދާޅުވި އެވެ.

"ގޭންގް ވައިލެންސްއަށް އަޅުގަނޑު ސަޕޯޓެއް ނުކުރަން،"
މުހައްމަދު ޝައިނީ

ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް މަރާލި މައްސަލާގައި ގޭންގެއްގެ ދިފާއުގައި އޭނާގެ އާއިލާއަށް ގުޅައި ޝައިނީ ވާހަކަ ދެއްކެވި ކަމަށް ވެސް މީގެކުރިން ތުހުމަތު ކުރެވުނެވެ. އެ ތުހުމަތާ ގުޅޭ ގޮތުން ވެސް ޝައިނީ ވާހަކަ ދެއްކެވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި އަނަސްގެ ބޭބެއަށް އޭނާ ގުޅާފައިވާނެ އެވެ. ނަމަވެސް އެއީ ވަކި ގޭންގެއްގެ ދިފާއުގައި ނޫން ކަމަށާއި އެއީ ޕީޕީއެމްގެ ފަރާތުން ގުޅުއްވި ގުޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ރަށުން ކުއްޖަކު ގުޅާފަ ބުނީ އާއިލާއިން އެއްވެސް މީހަކާ ނުގުޅިގެން އެބަ އުޅެއޭ، އެ އާއިލާއިން އެބަ ބޭނުންވެއޭ ޕީޕީއެމްގެ އިސް ބޭފުޅަކާ ވާހަކަ ދައްކަން، ދެން އަޅުގަނޑު ޕީޕީއެމްގެ އިސް ބޭފުޅުންނަށް ގުޅާފަ އެ ވާހަކަ ބުނިން، އެމީހުން ވަރަށް ބޮޑަށް އެބަ އެދެއޭ ކޮންމެ ވެސް މީހަކު ގުޅާފަ ވާހަކަ ދައްކާލަ ދޭން، އެކަމަކު އެއްވެސް މީހަކު ނުގުޅި، އެހެންވެ އަޅުގަނޑު ގުޅީ،" ޝައިނީ ވިދާޅުވި އެވެ.

"އަނަސް ބޭބެއާ އަޅުގަނޑު ފުރަތަމަ ވާހަކަ ދެއްކީ، ވަރަށް ރީއްޗަށް އޭނާއާ ވާހަކަ ދައްކާފަ ބުނިން އެކަމުގައި އެއްވެސް ގޯހެއް ހިނގާފައިވާނަމަ އެކަމެއް ތަހުގީގުކޮށް ދޭނަމޭ، އެވަރުން ނުވެގެން އަޅުގަނޑު އޭނާގެ ބޭބެ ގެނެސް އޭރުގެ ސީޕީއާ ބައްދަލު ކުރުވިން،"

ޝައިނީ ވިދާޅުވީ އެއީ އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށެވެ. އެއްވެސް ގޭންގެއްގެ ދިފާއުގައި ކުރެއްވި ކަމެއް ނޫން ކަމަށެވެ. އެއްވެސް ގޭންގަކުން އެކަމަށް އޭނާގެ ކައިރީގައި ނުބުނާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރިިއިރު މާލޭގައި ހުޅު ޖެހުމަށް ޝައިނީ އެންގެވި ކަމަށް ކުރާ ތުހުމަތަށް ވެސް ޝައިނީ ރައްދު ދެއްވި އެވެ. ޝައިނީ ވިދާޅުވި ގޮތުގައި އެކަމުގައި ހަގީގަތެއް ނެތެވެ. އޭރު ދައުރުވި މެސެޖް އޭނާ ވެސް ތަހުގީގު ކުރެއްވި ކަމަށާއި އެއީ ފޭކް އެކައުންޓެއް ހަދައިގެން ނެރެފައިވާ ސްކްރީން ޝޮޓެއްކަން ޝައިނީ ފާހަގަ ކުރެއްވި އެވެ.