ހަބަރު

ޔާމީން ހާޒިރުކުރަނީ އިންޑިއާއެކުވާ ޑީލްގެ ވާހަކަ އޮއްބާލަން: ހަލީލު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހޯމަ ދުވަހު އިންޑިއާ ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމާއެކު އެކުލަވާލަން ނިންމާފައިވާ އެއްބަސްވުންތައް ހާމަ ކުރަންޖެހޭ ކަމަށާއި އެ ވާހަކަ އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު ގޮވާލައްވައިފި އެވެ.

ހަލީލު އެގޮތަށް ގޮވާލެއްވީ، ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގެން ސޮއި ކުރައްވަން އުޅުއްވާ އެއްބަސްވުންތަކާމެދު ކަންބޮޑުވުންވާކަން ހާމަ ކުރައްވަމުންނެވެ.

ހަލީލު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮނިހިރު ދުވަހު ފުލުހަށް ހާޒިރު ކުރަނީ އިންޑިއާއެކު ކުރަން އުޅޭ އެއްބަސްވުންތަކާ ގުޅިގެން ރައްޔިތުންގެ ހިތުގައި އުފެދޭ ނުތަނަވަސްކަމަށް ހިޔަނި އެޅުމުގެ ބޭނުމުގަ އެވެ.

"އެއްބަސްވުންތަކުގެ ހަގީގަތް ރައްޔިތުންނަށް ސިއްރު ނުކުރެވޭނެ،" ހަލީލު ވިދާޅުވި އެވެ.

ހަލީލު މީގެ ކުރިން ވެސް ވަނީ އެފަދަ ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ ސިއްރު ޑީލެއްގެ ދަށުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރައްވަން ހަމަޖެހިފައިވާއިރު އޭގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވި ގޮތުގައި ދިވެހިންނަށް ވިސާގެ ފަސޭހަތަކެއް ލިބޭ އެއްބަސްވުމެއްގައި ރައީސް ސޯލިހު ސޮއި ކުރައްވާނެ އެވެ.