ރައީސް އަބުދުﷲ ޔާމީން މާދަމާ ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވާނީ ޕީޕީއެމް އޮފީހުން ނިކުމެވަޑައިގެން ހިންގަވާފައި ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ޔާމީންގެ އެކައުންޓަކަށް ވަދެފައިވާ ފައިސާތަކަކާ ގުޅިގެން އެމްއެމްއޭއިން ހުށަހެޅި މައްސަލައެއް ބެލުމަށްޓަކައި އެމަނިކުފާނު ފުލުުހުންގެ އިދާރާއަށް މާދަމާ މެންދުރު 2:00 ގައި ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، މި ސަރުކާރު ގެނައީވެސް ރައީސް ޔާމީން ހައްޔަރުކުރަން ކަަމަށެވެ.
އަބުދުއްްރަހީމް ވިދާޅުވީ، ރައީސް ޔާމީނާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުން ހައްޔަރު ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެމަނިކުފާނަށް ތާއިދުކުރާ ގިނަ އަދަދެއްގެ މެމްބަރުންތަކެއް މަޖިލީހަށް ހޮވިދާނެތީ ކަމަށެވެ.
"މިއީ ނޭގި ތިއްބާ ކުރިމަތިވެގެން އުޅޭ ކަމެއް ނޫން. ރައީސް ޔާމީން ހައްޔަރުކޮށް ބަންދުކޮށްފާނެތީ ބިރެއް ނުގަންނާނެ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީން ހުންނެވީ ޕޮލިހަށް ވަޑައިގަންނަވަން ތައްޔާރަށް ކަމަށާއި، އެމަނިކުފާނު ގާނޫނީ އިމުގެ ތެރެއިން ހައްޔަރު ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް އެމަނިކުފާނު ކުރައްވާފައިނުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަކީ އިންޑިއާއާއި މި ސަރުކާރާއި ދޭތެރޭ ވާން އުޅޭ އެއްބަސްވުންތައް ރައްޔިތުންގެ ސަމާލުކަމަށް އައިސްދާނެތީ ކުރާ ކަމެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ. ފުލުހުންގެ މުއައްސަސާއަށް ފުރިހަޔަމަށް ރައީސް ޔާމީން ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން އަމަލު ކުރަނީ ރައީސް ޔާމީނާ މެދު ޒާތީކޮށް ކަމަށާއި، މައްސަލަަ ރަނގަޅަށް ތަހުގީގު ނުކޮށް، އެކައުންޓް ފްރިޒް ކުރުމަކީވެސް ރައީސް ޔާމީންއަކީ ކުށްވެރިއެއްކަމަށް ދެއްކުމަށް ކޮށްފައިވާ ކަމެއް ކަމަށް އަބުދުއްރަހީމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.