ހަބަރު

ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލު ކުރަން މިނިސްޓަރު އަލީ ވަހީދު ތާއީދު

އއ. ރަސްދޫ: އަލީ އަފާފް
Dec 15, 2018
13

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ފަސޭހަވާނެ ގޮތަށް ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އއ. ރަސްދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ބޮޑު ޗުއްޓީ އަހަރުގެ މެދު ތެރެއަށް ބަދަލު ކުރުމުގެ ޝަކުވާ އެބައޮތް ކަމަށާއި އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ އެ މައްސަލަ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލު ގެނެވޭނީ ހުރިހާ ވުޒާރާތަކާ ގުޅިގެން ކަމަށާއި އެކަން ކެބިނެޓާ ހަމައަށް ގެންގޮސްގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އެބަދަލު ގެންނަން ޖެހޭކަމަށް، އެއީ މި އިންޑަސްޓްރީގައި މަސައްކަތް ކުރާ މުއައްޒަފުންނަށް، އެމީހުންގެ އާއިލާތަކާއި އެއްކޮށް އެޗުއްޓީ ލިބޭ ގޮތަށް، ދުނިޔެ ހިނގާ ގޮތަށް ރާއްޖެވެސް ހިނގަންވާނީ، މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސިޔާސަތުގެ ބަދަލެއް ގެނެވޭނީ އެކަމާ ގުޅުންހުރި އެހެން ވުޒާރާތަކާއި މަޝްވަރާކޮށް އެކަމާ ގުޅުންހުރި ރިސާޗެއްކޮށް މުޅި ސިޔާސަތުގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޗުއްޓީ ބަދަލު ކުރުމަށް އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ސިމްޕޯސިއަމްއާ އެކޮށް އެހިޔާލު އިތުރަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަހަރުގެ މެދު ތެރެއަށް ބޮޑު ޗުއްޓީ ބަދަލު ކުރުމަށްއެދި ރިސޯޓް މުއައްޒަފުން ދަނީ އާ ސަރުކާރަށް ގޮވާލަމުންނެވެ. އަހަރުގެ ފަހު ދުވަސް ވަރަކީ ރިސޯޓްތަކުގައި އެންމެ އޮކިއުޕެންސީ ބޮޑު ދުވަސް ވަރަށް ވާތީ، ޗުއްޓީ ލިބުމަށް ދަތިވާ ކަމަށާއި އެކަމުގެ ސަބަބުން އެޗުއްޓީގައި އާއިލާއެކު ވަގުތު ހޭދަ ނުކުރެވޭ ކަމަށް ބުނެ ރިސޯޓް މުއައްޒަފުންދަނީ ޝަކުވާ ކުރަމުންނެވެ.