ދުނިޔެ

ތާލިބާނުންނާ ދެކޮޅަށް އަފްގާން ސިފައިން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފި

Jun 22, 2015

ތާލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ އަފްގާނިސްތާނުގެ މުހިއްމު އަވަށެއް ހިފުމަށް އަސްކަރިއްޔާ އިން ވަރުގަދަ އޮޕަރޭޝަނެއް އިއްޔެ ފަށައިފި އެވެ.

ތާލިބާން ހަނގުރާމަވެރިން މިދިޔަ ހަފުތާގައި ހިފާފައިވާ އުތުރުގެ ޗަންދުރަ އަވަށް އޮންނަނީ ކުންދުޒް ސިޓީއާ ވަރަށް ކައިރީގަ އެވެ. ވެރިރަށް ކާބުލް އަށް ދެވޭ މުހިއްމު މަގެއް ކުންދުޒް ސިޓީ ހުރަސްކޮށް އޮވެ އެވެ. އެހެންވެ، ތާލިބާންގެ ބާރުގެ ދަށަށް ޗަންދުރަ އަވަށް ދިއުމަކީ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ.

ޗަންދުރަ އަވަށުގެ ވެރިއެއް ކަމަށްވާ މުހައްމަދު ޔޫސުފް އައްޔޫބީ އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި ތާލިބާންގެ އަތްދަށަށް އެ އަވަށް ދިޔައީ ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު އެވެ. އެ ހަމަލާތަކުގައި 12 ސިފައިން މަރުވެ، އިތުރު 17 ސިފައިންގެ މީހަކު ޒަހަމްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ބީބީސީ އަށް ވިދާޅުވި ގޮތުގައި ޗަންދުރަ ހިފުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ. އަދި ވިދާޅުވީ އެ އަވަށާ އިންވެގެން ކަހަލަ ގޮތަކަށް އޮންނަ ޔުގްމާން ނަމަކަށް ކިޔާ އަވަށެއް ތާލިބާނުންގެ އަތްދަށުން މިހާރު އަތުލާފައިވާ ކަމަށެވެ.

ޗަންދުރަ އަވަށް ހިމެނޭ ސަރަހައްދަށް ތާލިބާން ހަނގުރާމަވެރިން މިދިޔަ މަހު އަތްގަދަކުރަން ފެށުމާ އެކު އާއްމުންގެ އެތައް ސަތޭކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ތާލިބާނުން ދޭ ހަމަލާތައް، ބޭރުގެ ފައުޖުތައް މިދިޔަ އަހަރު ފޭބި ފަހުން ވަނީ ވަރުގަދަކޮށްފަ އެވެ. އެ ގޮތުން، ދެކުނު ބިތުގައި އޮންނަ ހިމަންދު ޕްރޮވިންސްގެ މަރުޖާ އަވަށުގެ މަގެއްގެ މަތީގައި ދިން ބޮމުގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ 12 މީހަކު އިއްޔެ ވަނީ މަރާލާފަ އެވެ.

އެހެން ނަމަވެސް، އަފްގާނިސްތާނުގައި ސުލްހަ ގާއިމްކުރުމަށް އެ ގައުމުގެ އާ ސަރުކާރާއި ތާލިބާނުން ވެސް ވަނީ ދާދި ފަހުން އަލުން މަސައްކަތް ފަށާފަ އެވެ. އެ ގޮތުން، ސަރުކާރުގެ އޮފިޝަލުންތަކަކާއި ތާލިބާނުންގެ ވަފުދެއް މިދިޔަ މަހު ގަތަރުގައި ނުރަސްމީ ވާހަކަތައް ބާއްވާފައިވެ އެވެ.

އެކަމަކު، އެ މަޝްވަރާތައް ކުރިއަށްދާ ގޮތާ ބެހޭ މާ ބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ދީފައެއް ނުވެ އެވެ.