ދުނިޔެ

ޕާކިސްތާނުގައި ހޫނު ގަދަވެ 120 މީހުން މަރުވެއްޖެ

Jun 22, 2015

ޕާކިސްތާނުގެ ދެކުނު ބިތުގައި އޮންނަ ސިންދު ޕްރޮވިންސުގައި އާދަޔާހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން 120 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އެންމެ ގިނަ މީހުން މަރުވި އެ ޕްރޮވިންސްގެ ކަރާޗީގެ ހޫނުމިން ވަނީ 45 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަަށް ގޮސްފަ އެެވެ. އެއާ އެކު، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓް ދިއުމުގެ މައްސަލަ ވަނީ ބޮޑުވެެފަ އެވެ. މީގެ ކުރިން ކަރާޗީގެ ހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ، 1979 ވަނަ އަހަރު 47 ޑިގްރީ ސެލްސިއަސް އަށެވެ.

ސިންދު ޕްރޮވިންސްގެ ހެލްތު ސެކްރެޓަރީ ސައީދު މަނީޖޯ އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި ކަރާޗީގައި އެކަނި 114 މީހަކު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް މަރުވެފައި ވާއިރު، އިތުރު ތިން އަވަށަކުން ވެސް އަށް މީހަކު މަރުވެފައިވެ އެވެ.

ކަރާޗީގައި ހުންނަ ޖިނާހު ހޮސްޕިޓަލްގެ އިމަންޖެންސީ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ. ސެމީ ޖަމާލީ ވިދާޅުވި ގޮތުގައި އެ އަވަށުން ގިނައިން މަރުވީ ދުވަސްވީ މީހުންނެވެ.

"ހޮސްޕިޓަލަށް ގިނަ މީހުން ގެންދިޔައީ ވަރަށް ބޮޑަށް ހުން އައިސް، ހެއަށް އަސަރުކޮށް، ފިޓު ޖެހުން ފަދަ ކަންކަން ކުރިމަތިވެގެން،" އޭނާ ވިދާޅުވި އެވެ.

މޫސުމާ ބެހޭ ޕާކިސްތާނުގެ ގައުމީ އިދާރާ އިން ބުނި ގޮތުގައި މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޕްރޮވިންސްގައި ވަރަށް ހޫނު ގަދަވާނެ އެވެ.

ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ގޮސްފައި ވާއިރު، އަވަށްޓެރި އިންޑިއާގެ އެކި ހިސާބުތަކުގައި ވެސް ހޫނު ގަދަވެ، 1،700 އަށް ވުރެ ގިނަ މީހުން މިދިޔަ މަހު މަރުވެފައިވެ އެވެ.