ދުނިޔެ

އިންޑިއާގައި ނޫސްވެރިއަކު ރަހީނުކޮށް އަންދާލި ތިން މީހަކު ހައްޔަރުކޮށްފި

Jun 22, 2015

އިންޑިއާގައި ރަހީނުކޮށް އަންދާލި ނޫސްވެރިއެއްގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ބަޔަކު މީހުން ސަންދީބު ކޮތާރީ ރަހީނުކުރީ މިދިޔަ ހުކުރު ދުވަހު ރޭ އޭނާގެ އުފަން ސްޓޭޓް، މަދުޔަ ޕްރަދޭޝް އިން އެވެ. ބެލެވޭ ގޮތުގައި އޭނާ މަރާލީ މައުދަން ފަދަ ތަކެތި ވަގަށް މައިންކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ލިއުންތައް ލިއުމުގެ ސަބަބުންނެވެ.

އަންދާލުމަށް ފަހު އެއްލާލާފައި އޮތް އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އޭގެ އެއް ދުވަސް ފަހުން، އަވަށްޓެރި މަހާރާޝްތުރަ ސްޓޭޓުގެ ރޭލު ދަަގަނޑުތަކެއް ކައިރިންނެވެ.

މަދުޔަ ޕްރަދޭޝްގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޖޭއެސް މަރުކަމް އިއްޔެ ވިދާޅުވި ގޮތުގައި އެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މައުދަން ފަދަ ތަކެތި ވަގަށް މައިންކުރުމުގައި ހަރަކާތްތެރިވާ ބައެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ގޮތަކަށް ބަލަމުން މި ދަނީ. އަދި ވަކި ސަބަބެއް ނިންމަން ދަތި،" ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ނޫސް އެޖެންސީ އަށް މަރުކަމް ވިދާޅުވެފައިވެ އެވެ.

އުމުރުން 40 އަހަރުގެ ކޮތާރީ ރަހީނުކޮށް އަންދާލާފައި ވަނީ އިންޑިއާގެ ސިޔާސީ ލީޑަރެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ލިއުންތަކެއް ފޭސްބުކްގައި ޝާއިއުކުރި ނޫސްވެރިއަކު ވަގަށް ނަގައި އަންދާލިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. ޖަގެންދްރަ ސިންހް ދިރިހުއްޓާ އޭނާގެ ހަށިގަނޑަށް ޕެޓްރޯލް އަޅައި ރޯކޮށްލުމުން މަރުވެފައި ވަނީ ލަކްނައު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ހަފުތާގަ އެވެ.

އެ މައްސަލައާ ގުޅިގެން އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ފުލުހުން ވަނީ އެ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު ރާމް މުރުތީ ވަރުމާ އާއި އިތުރު ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.