ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އިލްތިމާސް: ކޮންމެ ބޭފުޅަކު ވެސް ގޭގައި އެއްގަސް އިންދަވާ

ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅޭ ގޯތީގައި އެއްގަސް އިންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެންމެހާ ދިވެހި ރައްޔިތުންނަށް މިއަދު އިލްތިމާސް ކުރައްވައިފަ އެވެ.

"ރަށް ފެހި" މަޝްރޫއު ފެށުމުގެ ގޮތުން، ހުޅުމާލޭ ފޭސް-2 ގައި ގަސްއިންދަވައި ދެއްވުމުގެ ހަފްލާ ފެށުމުގެ ގޮތުން ރައީސް ވިދާޅުވީ، ކޮންމެ ބޭފުޅަކު ވެސް އެމީހަކު ދިރިއުޅޭ ގޭގައި ގަސް އިންދާާއިރު ކާން ބޭނުންކުރާ ބޭނުން ހިފޭ ތަރުކާރީ އަދި މޭވާ ފަދަ ތަކެތި އިންދުމަށް ބާރު އަޅުއްވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އޭރުން ދިރިއުުޅުމަށް ހޭދަ ކުރަން ޖެހޭ ފައިސާގެ އަދަަދު ބޮޑުތަނުން މަދުކުރެވި، ތިމާވެއްޓަށް ވެސް އެކަމުން އެހީތެރިވެދެވޭނެ އެވެ.

"އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިގޮވާލަނީ، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ގޯތީގާ އެންމެ ގަހެއް ވިޔަސް އިންދެއްވުމަށް. ވަކިން ހާއްސަކޮށް ކާބޯތަކެތި އަޅާ ގަސްގާހާ ގެހި، ކެއުމަށް ބޭނުންކުރާ ފަތްޕިލާވެލި ގަސްތަށް ގިނަ ކުރެއްވުމަށް. އެއީ އަޅުގަނޑުމެންގެ ހަރަދުތަށްވެސް ކުޑަ ކުރެވޭނެ ކަމެއް" ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ކުރީގެ އެންވަޔަރުމެންޓް މިނިސްޓަރު އުމަރު ޒާހިރު އަދި މިސަރުކާރުގެ މިނިސްޓަރުން ބައިވެރިވި މި ހަފްލާގައި ރައީސް ވިދާޅުވީ، ޖަޒީރާ ވަންތަ ރާއްޖެ އަކަށް ރާއްޖެ ހެދޭނީ "ރަށް ފެހި" ޕްރްގްރާމް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަށް ގެންގޮސްގެން ކަމަށެވެ. ރާއްޖޭގެ ރަށްތަކުގެ ފެހިކަން ދާއިމަށް ދެމިގެންދާނެ ގޮތަކަށް ކޮންމެ ފަރުދަކު ވެސް މަސައްކަތް ކޮށްދެއްވުމަށް ރައީސް ވިދާޅުވި އެވެ.

ވާހަކުފުޅު ކުރިއަށް ގެންދަވަމުން ރައީސް އިތުރަށް ވިދާޅުވީ އަހަރުމެންނަށް ދެއްވި އެންމެ ބޮނޑު ނިއުމަަތަކީ ނޭވާލުމަށް ބޭނުން ކުރެވޭ ސާފު ވައި ކަމަށެވެ. އެސާފު ވައިގެ ސާފުކަން ދަމަހައްޓައިދީ ރަށުގެ ފަސްގަނޑު ދަމަހައްޓަނީ ގަސްގަހާގެހި ކަމަށްވުމުން އޭގެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރު ކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ތިމާވެށި ގުރުބާންކޮށްގެން ތަރައްގީ ނުގެންނާނެ ކަމަށާއި އެއީ ތަރައްގީގެ ގޮތުގައި ނުބައްލަވާ ކަމަށެވެ.