ކަރަން ޖޯހަރު ގެނެސްދޭ "ކޮފީ ވިތް ކަރަން" ގެ ސީސަން ހައެއް ނިމުމަކާ ގާތް ވެފައިވާއިރު، މި ސީޒަން ނިންމާލާނީ ވެސް ވަރަށް ފޯރިގަދަ ޝޯ އަކުންނެވެ. ހިންދީ ސިނަމާތަކުގައި އެންމެ ފައި ވަރުގަދަ ކޮށްލާފައިވާ ތަރިންގެ ލިސްޓުގައި ހިމެނޭ، ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާ އެއް ސީޓަކުން މިރޭ މި ފެންނަނީ ދުވަސްގަނޑަކަށް ފަހު އެވެ.
ކޮންމެ އާދިއްތަ ދުވަހަކު ސްޓާ ވޯލްޑްއިން ގެނެސްދޭ ކަރަން ޖޯހަރުގެ ޗެޓް ޝޯގެ އެންމެ ފަހު އެޕިސޯޑު މިހާރު ވަނީ ޝޫޓު ކޮށްފަ އެވެ. މިރޭ އެއާ ކުރާ ޝޯގައި ފެންނާނެ ދެ ތަރިންނާއެކު ކަރަން ނަގާފައިވާ ފޮޓޯ 'ސީސަން ފިނާލޭ، މެގަ ސުޕާ ސްޓާރުންނާއެކު' ޖެހުމަށްފަހު ސޯޝަލް މީޑިއާއަށް ދޫކޮށްލުން ވެގެންދިޔައީ ގިނަ ބަޔަކު ސިއްސުވާލި ކަމަކަށެވެ.
ކަރީނާ އާއި ޕްރިޔަންކާ އެކުގައި ނުފެންނަތާ ގިނަ ދުވަސްތަކެއްވެ، މީގެ ކުރިން މި ދެތަރިން ވަނީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތަކެއް ވެސް ދީފަ އެވެ. އަދި އެކުގައި އެއް ގޮނޑިއަކުން ފެނުމުން ކުރީގައި ޖެހުނު މައްސަލަ ހައްލުކޮށް އަލުން ސުލްހަ ވީތޯ ފޭނުން ދަނީ ސުވާލު ކުރަމުންނެވެ. މިދެ ތަރިން އެކުގައި ބޮލީވުޑަށް ނުނިކުތަސް، މިއީ އެއް އިރެއްގައި ބޮލީވުޑްގެ އެންމެ ވާދަވެރި ދެ ބަތަލާއިންނެވެ.
ކަރީނާ އާއި ޕްރިޔަންކާވެސް މީގެ ކުރިން މި ޝޯގައި އެތައް ފަހަރަކު ވަނީ ބައިވެރިވެފަ އެވެ. އެހެންނަމަވެސް، ބަދަލުތަކަކަށްފަހު އެކުގައި ފެންނަ މިއީ ފުރަތަމަ ފަހަރުކަމުން އެތައް ގުނައެއް ހާއްސަ ވާނެ އެވެ. މިރޭގެ ޝޯގައި ކަރީނާގެ ދަރިފުޅު ތައިމޫރުގެ ވާހަކަތަކާއި، ޕްރިޔަންކާގެ ކައިވެނީގެ ވާހަކަތައް ދެކެވޭނެ ކަމަށް ބެލެވެ އެވެ. ހުރިހާ ގޮތަކުންވެސް މިރޭގެ ޝޯ ވަރަށް ވަރުގަދަ ވާނެ އެވެ.
ކަރީނާ އާއި ޕްރިޔަންކާ އެކުގައި ވަނީ ދެ ފިލްމެއްގައި މަސައްކަތް ކޮށްފަ އެވެ. އަކްޝޭ ކުމާރުއާއެކު ކުޅުނު ފިލްމު 'އައިތުރާޒް' ގައި މިދެތަރިންވެސް ލީޑުން ފެނުނެވެ. އަދި 2011 ގައި ނެރުނު ފިލްމު ޑޮންގައިވެސް މި ދެތަރިން ފެނުނެވެ.