ހަބަރު

ގައުމުތަކާ ގުޅުން ދަމަހައްޓާނީ ސިޔާދަތީ މިނިވަންކަން ނުގެއްލޭ ގޮތަށް: ރައީސް

އިންޑިއާގެ ނިއު ދިއްލީއިން: ނާޒިމް ހަސަން
Dec 16, 2018
9

ގައުމުތަކާއެކު ގުޅުން ބަދަހި ކުރާނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ނުގެއްލޭ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިންޑިއާއަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަސައްކަތްޕުޅުގެ ގޮތުގައި އިންޑިއާގެ ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ރައީސް މިހެން ވިދާޅުވެފައިމިވަނީ އިންޑިއާއާއެކު ރާއްޖެއިން އަސްކަރީ ސިއްރު އެއްބަސްވުންތަކެއްގައި ސޮއިކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އައިސީޓީ މައުރިޔާ ހޮޓެލްގައި ދިވެހި އާއިލާތަކާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، އަވަށްޓެރި އަދި ރަހުމަތްތެރި ގައުމުތަކާއެކު ރާއްޖެއިން ގުޅުން ދަމަހައްޓާނީ ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އެއްވެސް ލޮޅުމެއް ނާރާނެ ގޮތުގެ މަތިން ކަމަށެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ ގައުމީ ސިޔާދަތު ހިމާއަތްކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން، ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުން އަޅުގަނޑުމެން ދަމަހައްޓާނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ނުގެއްލޭ ގޮތުގެ މަތިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރު ކުރުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ދެވަނަ ރުކުނެވެ. ރަހުމަތްތެރި ގައުމުތަކުން އިގްތިސާދީ ގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށާއި ހާއްސަކޮށް އެ ކަމުގައި އިންޑިއާގެ ހިއްސާއަކީ އަގު ކުރެވޭ ވަރަށްވުރެ ދީލަތި އެހީތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެކިއެކި ބޭނުންތަކުގައި އިންޑިއާގައި ދިވެހިން އުޅޭއިރު ފެންވަރު ރަނގަޅު ހިދުމަތްތަކެއް އިންޑިއާއިން ދިވެހިންނަށް ލިބުމަކީ މުހިންމު ކަމެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެހެންވެ އެފަދަ ކަންކަމާ ގުޅޭ ގޮތުން އިންޑިއާގެ ވެރިންނާއެކު އެމަނިކުފާނު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިމިގެންދިޔަ ސަރުކާރުގެ ބައެއް އަމަލުތަކުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަސަރުކޮށް ދިވެހިންނަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ އިންޑިއާޔާ އެކު އޮތް ގުޅުން ކެނޑިގެންދާ ފަދަ ކަމެއް ނުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ގުޅުން ކެނޑޭފަދަ ކަމެއް މި ސަރުކާރުން ނުކުރާނަން، މި ސަރަހައްދުގެ ސަލާމަތަށްޓަކައި އިންޑިއާއެކު ރަނގަޅު ގުޅުމެއް އޮތުން މުހިންމު،" ރައީސް ވިދާޅުވި އެވެ.

އިންޑިއާއަށް ދިވެހިން އަންނަ ނިސްބަތް އިތުރުވާއިރު ވިސާގެ މައްސަލަތައް ބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ. އެއީ ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދޯހަޅިކަމުންވި ކަމެއް ކަމަށާއި މާދަމާ ދިވެހިންނަށް އެތައް ލުއިތަކެއް ލިބޭނެ ވިސާ އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުގައި އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އެހެންވެ އެ މަސައްކަތް ވެސް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. އަދި މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ދޫކުރުމާއި މިހާރު ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު އަނބުރާ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އުމްރާނީ މަސައްކަތްތައް އިންޑިއާއިން ރާއްޖެއަށް ގިނަ ސާމާނުތަކެއް އެތެރެކުރާއިރު އެފަދަ ސާމާނު ލިބުމުގައި ވެސް ލުއި ފަސޭހަ ގޮތްތަކެއް ދިވެހިންނަށް އިންޑިއާއިން ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ، ބޭރު ގައުމެއްގައި ދިރިއުޅުނު ކަމުގައިވީ ނަމަވެސް އަގީދާ ބަލިކަށިވާ ފަދަ ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އެތައް އާދަކާދައަކާއި ސަގާފަތެއް އޮންނަ އިންޑިއާގައި ދިރިއުޅޭއިރު ދަރިން އުޅޭ ގޮތް ބަލައި ދަރިންނަށް ހެޔޮ މަގު ދައްކައިދިނުމަށް ވެސް ރައީސް ބެލެނިވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.