ހަބަރު

އިންޑިއާގެ ރައީސްއާ، ރައީސް ސޯލިހު ބައްދަލުކުރައްވައިފި

Dec 17, 2018
4

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް، ރާމް ނާތް ކޯވިންދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލު ކުރެއްވުން އޮތީ، އިންޑިއާގެ ރައީސްގެ ރަސްމީގެކޮޅު ރާާޝްތްރަޕަތީ ބަވަންގައި މިއަދު ހެނދުނު އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ އަރިހުގައި ވަޑައިގެން ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީވެސް އެ ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތެވެ.

މީގެ އިތުރުން، މިއަދުގެ ވަގުތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް ސޯލިހު ބައްދަލު ކުރައްވައި ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ.

ރައީސް ސޯލިހުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި އިއްޔެ އިންޑިއާއަށް ފެއްޓެވި ދަތުރުފުޅުގައި އެ ގައުމުގައި ތިއްބެވި ދިވެހިންނާ ރައީސް ސޯލިހު އިއްޔެ ބަދައްލު ކުރެއްވި އެވެ. އަދި އެ ގައުމުގެ ބޮޑެތި ވިޔަފާރިތަކުގެ ސީއީއޯއިންނާއި އިންޑިއާގެ އިންވެސްޓަރުންނާ ވެސް ރައީސް ސޯލިހު ބައްދަލު ކުރެއްވި އެވެ.