ހަބަރު

އިމާރާތްކުރުން ހުއްޓުވައިދިނުމަށް ވަގުތީ އަމުރަކަށް ގާނޫނީ ވަކީލުންތަކެއް އެދިއްޖެ

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތަށް ނުހަދާ އިމާރާތް ކުރުމުގެ ހުއްދަ ނުދިނުމަށާއި، ވަގުތީގޮތުން އިމާރާތް ކުރުން ހުއްޓުވައިދިނުމަށް އެދި ސިވިލް ކޯޓަށް ގާނޫނީ ވަކީލުންތަކެއް މައްސަލައެއް ހުށަހަޅައިފި އެވެ.

ދެހާސްސަތާރަ ވަނަ އަހަރު ހެދި، އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ޖުމްލަ 14 ގަވާއިދެއް ހަދަންޖެހެ އެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރުވެސް އެގަވާއިދުތަށް ނުހެދި ހުރި މައްސަލައިގައި، އިމާރާތް ކުރުމުގެ ހުއްދަ ނުދޭން ހައުސިން މިނިސްޓްރީ އާއި، މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދޭން އެދިފައިވަނީ ރިޒާ ޝަފްނީޒް އެންޑް ކޯ އާއި، ވިޝާމް އެންޑް ކޯގެ އިތުރުން، އައިމިނަތު އަރީޖާއި، ސޮފިއްޔާ ތައުފީގުގެ އިތުރުން ފާތިމަތު ޝަރީފް އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ރިޒާ ޝަފްނީޒް އެންޑް ކޯގެ މެނޭޖިން ޕާޓްނަރު ޝަފިއްޔާ ރިޒާ ވިދާޅުވީ، އެމައްސަލަ ހުށަހަޅާފައިވަނީ ގާނޫނީގޮތުން މުއައްސަސާތަކުން ކުރަންޖެހޭ ކަންތައްތަކެއް ކޮށްފައިނުވާތީ އާންމުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ.

ޝަފިއްޔާ ވިދާޅުވީ، އިމާރާތްކުރުމުގެ ގާނޫނުގެ ބޭނުމަކީ މަސަައްކަތުގެ މާހައުލުގައި މަސައްކަތްތެރީންނަށް ލިބޭ ގެއްލުންތަކާއި އާމުންނަށް ލިބޭ ގެއްލުންތަށް ހުއްޓުވުން ކަމަށެވެ. އެ ގާނޫނު ވުޖޫދުވިތާ އެއް އަހަރު ވެގެންގޮސްފައިވާއިރު، އެ ގާނޫނުން ލާޒިމް ކުރާ ރައްކާތެރި މިންގަނޑުތަކެއް އެކުލެވޭ 14 ގަވައިދެއް ހަދަންޖެހޭ ކަމަށާއި، އެ ގަވާއިދުތަށް ހަދައި ގެޒެޓްކުރަންޖެހޭ މުއްދަތު ފަހަނާޅައިގޮސް ހަތް މަސްދުވަސް ވެފައިވާ ކަަމަށް ޝަފިއްޔާ ވިދާޅުވި އެވެ. އެގަވާއިދުތަށް ނުހެދި އޮތުމުން ގާނޫނުގެ މަގުސަދުވެސް ހާސިލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައުލަތާއި ދެކޮޅަށް، ހައުސިން މިނިސްޓްރީއާއި، މާލޭ ސިޓީ ކައުންސިލާއި ދެކޮޅަށް މި ހުށަހެޅި މައްސަލައަކީ ބޭސިކަލީ ގަވައިދުތަށް ނެހެދި ހުރީމައާއި، މާލޭ ޕްލޭނިން ގަވައިދުގައި އޮންނާނެ ބޮޑު ބާބެއް. ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭނެ އޭ. ހައުސިން މިނިސްޓްރީއިން. މިސާލަކަށް އިއްޔެ ދިމާވި ކަންތައް، ނެޓް އަޅާފަ ހުރީ، ސިމެންތި ބަސްތާއެއް ވެއްޓިގެން ނުވާނެ. އެއީ ސިމެންތި ބަސްތާ އުފުލަންޖެހޭ ގޮތަށް ނޫފުލޭތީ އެހެން އެވަނީ" ޝަފިއްޔާ ވިދާޅުވި އެވެ.

މާލޭގައި އިމާރާތް ކުރަމުންދަނީ ހުއްދަ ދީގެންތޯ ނޫނީ ނުދީތޯވެސް ނޭގޭ ކަމަށާއި، ހުއްދަ ދޭންޖެހޭ ގަވާއިދުވެސް ނަހަދާ އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ގަވާއިދު ނަހަދާ އޮތުމުން 2018 ގެ އެޕްރީލްގެ ފަހުން ދީފައިވާ ހުއްދަތަކާއި މެދުވެސް ގާނޫނީގޮތުން ސުވާލު އުފެދޭކަމަށް ވަކީލުން ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގައި މިހާރު އިމާރާތް ކުރަމުންދާ ތަންތަން ވަގުތުން ހުއްޓާލުމަށް އަންގައި، އިމާރާތްކުރަމުންދާ ފަރާތްތަކުގެ އަތުގައި ހުއްދަތައް އޮތްތޯއާއި، ސަލާމަތީކަންކަން ފުރިހަމަވެފައިހުރީ ކިހާވަރަކަށްތޯ މިނިސްޓްރީއިން ކަށަވަރުކުރުމަށްފަހު ނޫނީ އެ މަސައްކަތް ނުފެށޭގޮތަށް ވަގުތީ އަމުރަކަށްވެސް ވަނީ އެމައްސަލާގައި އެދިފަ އެވެ.

"ދެ ކަމަަކަށް މި އެދެނީ ގާނޫނޫ ނެގެހެއްޓުމަށާއި، މާލޭ ޕްލޭނިންގ ގަވައިދުގައި ހުރި ސަލާމަތީ މިންގަނޑުތަށް ތަންފީޒު ކުރުމަށާއި، ހަދަންޖެހޭ ގަވައިދުތަށް ހެދުމަށާއި، މިހާރުން މިހާރަށް މަސައްކަތްތައް ހުއްޓާލަން އެންގުމަށް މި އެދެނީ ވަގުތީ އަމުރެއް މެދުވެރިކޮށް، މިނިސްޓްރީއަށް މުއްދަތެއް އަސްލު މިދެނީ ހުއްދަތަށް އޮތްތޯ ކަށަވަރުކުރަން" ޝަފިއްޔާ ވިދާޅުވި އެވެ.