ހަބަރު

ވިސާގެ ލުއިތަކާއެކު ރާއްޖެ، އިންޑިއާ ހަތަރު އެއްބަސްވުމަކަށް

ނިއު ދިއްލީއިން: ނާޒިމް ހަސަން
Dec 17, 2018
4

އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ޖުމްލަ ހަތަރު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. އޭގެ ތެރޭގައި ދިވެހިންނަށް ގިނަ ލުއިތަކެއް ލިބޭ ވިސާ އެއްބަސްވުން ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންނެވީ އެ ގައުމާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ގުޅިގެން ކުރިއަށް ދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

މިއަދު ރައީސް ސޯލިހު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމަށްފަހު ދެ ސަރުކާރުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްވި އެވެ. އެ އެއްބަސްވުންތަކަކީ، އެގްރީމެންޓް އޮން ދި ފެސިލިޓޭޝަން އޮފް ވިސާ އެރޭންންޖްމަންޓާއި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކަލްޗަރަލް ކޯޕަރޭޝަނާއި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ފޯ އެސްޓެބްލިޝިން މިއުޗުއަލް ކޯޕަރޭޝަން ޓު އިމްޕްރޫވް ދަ އިކޯ ސިސްޓަމް ފޯ އެގްރިބިޒްނަސް އަދި ޖޮއިންޓް ޑެކްލެރޭޝަން އޮފް އިންޓެންޓް އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ އެންޑް އެލެކްޓްރޯނިކްސް އެވެ.

ވިސާ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއި ކުރައްވާފައިވާއިރު އިންޑިއާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުސްމާ ސުވަރާޖެވެ.

ވިސާ އެއްބަސްވުމުގެ ހުލާސާ:

  • ވިޔަފާރި އާއި ޓޫރިޒަމް އަދި ބޭސްފަރުވާ ދަތުރުތަކަށް 90 ދުވަހުގެ ވިސާ
  • ޓޫރިސްޓް ވިސާގައި ހުއްޓައި ކުއްލި ސިއްހީ ހާލަތެއް މެދުވެރިވެއްޖެނަމަ ރާއްޖެ ނައިސް މެޑިކަލް ވިސާއަށް ބަދަލުކުރުން
  • ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ހާލަތްތަކުގައި ހާލަތަށް ބަލައި ދެ އެހީތެރިންނާއެކު އެއް އަހަރު ދުވަހަށް ވިސާ ދޫކުރުން
  • މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ޖަހައިދިނުން
  • 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް މަލްޓިޕަލް އެންޓްރީ ވިސާ ދޫކުރާނެ
  • މަތީ ތައުލީމް އުގެނޭ ދަރިވަރުންގެ ދަރިން 18 އަހަރަށްވުރެ ހަގު ނަމަ، އަނބިންނާއި ފިރިންނާއި މައިންބަފައިންނަށް ވެސް ވިސާ ދޫކުރާނެ

އެއްބަސްވުންތަކުގައި ސޮއިކޮށް އެއްބަސްވުން ބަދަލު ކުރެއްވުމަށްފަހު ރައީސް ސޯލިހާއި މޯދީ ވަނީ ރަސްމީ ބަޔާން އިއްވަވާފަ އެވެ. ދެ ބޭފުޅުން ވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ކުރެވުނު އެއްބަސްވުންތަކަށް ވެސް އަލި އަޅުވާލެއްވި އެވެ.

ދެ ބޭފުޅުން ވެސް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ވިސާ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ލިބޭނެ ލުއި ފަސޭހަ ކަމެވެ. ބޮޑު ވަޒީރު މޯދީގެ ރަސްމީ އޮފީސް، ހައިދުރަބާދު ހައުސްގައި ބޭއްވި އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހުގެ ދަތުރުފުޅުގެ ރަސްމީ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ރަސްމީ ފަހު ހަރަކާތެއްގެ ގޮތުގައި އޮންނާނީ އިންޑިއާގެ ރައީސް އާއި ނައިބު ރައީސްއާ ރައީސް ސޯލިހު ބައްދަލުކުރެއްވުމެވެ. އެކަން ކުރިއަށް ދާނީ ރަސްމީ ގަނޑުވަރު، ރާޖަޕަތީ ބަވަންގަ އެވެ.