ކޮލަމް

ކޮލަމް ފޮޅުވަތް: ސުވާލަކީ 100 މިލިއަން ރުފިޔާ ހޯއްދެވީ ކިހިނެއް؟

Dec 18, 2018
28

ކެމްޕޭންނަށް ލިބުނު ފައިސާގެ ގޮތު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްއަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއްކޮށް، ޖަމާކޮށްފައި ހުރިކަން ފުލުހުން މި ވަނީ ކަށަވަރުކޮށްދީފަ އެވެ. އެއީ ވަރަށް ބައިވަރު ފައިސާއެވެ. އަދި އެއީ ކުރީގެ ރައީސް ޔާމީނަށް އޮންނަ "އަޑި ނޭނގޭ" ތުހުމަތެއްގައި ތަހުގީގެއްގެ ތެރެއިން މިިހެން ސާފުކޮށް އައި ފުރަތަމަ މިންވަރެވެ. މި މިންވަރު ފުލުހުން ހާމަކުރީ، ކެމްޕޭން ފައިސާގެ ގޮތުގައި އެމަނިކުފާނުގެ އެކައުންޓަށް ޝައްކު ކުރެވޭ އެތައް މިލިއަން ރުފިޔާއެއް ޖަމާވެފައި ހުރެގެން ފެށި ތަހުގީގަކާ އެކު އެވެ. އެ މަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މައްސަލައިގައި ސުވާލު ވެސް ކޮށްފި އެވެ. އެއާއެކު ރައީސް ޔާމީން ވިދާޅުވާ ގޮތުން، އެމަނިކުފާނުގެ އެކައުންޓްގައި ހުންނާނީ، 22 މިލިއަނެއްހާ ރުފިޔާ އެވެ.

ރައީސް ޔާމީނަކީ ސުވާލެއް ކޮށްފިއްޔާ ޖަވާބު ދެއްވާ ބޭފުޅެކެވެ. އަދި ސުވާލެއް އެބައޮތްތޯވެސް ސުވާލު ހުސްވީތޯވެސް އައްސަވަ އެވެ. އަޅުގަނޑުގެ ސުވާލެއް ވެސް އެބައޮތެވެ. ހަމަ އެންމެ ސުވާލެކެވެ. އެއީ އެކައުންޓްގައި ހުންނާނީ އެންމެ 22 މިލިއަން ރުފިޔާ ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ވެސް ޖަވާބު ދެއްވަންޖެހިވަޑައިގަންނަވާ ސުވާލެކެވެ. 100 ވަރަކަށް މިލިއަން ރުފިޔާ ލިބިވަޑައިގަތީ ކިހިނެއް، ކޮން ގޮތަކަށް ކޮންބައެއްގެ އަތުން ހެއްޔެވެ؟ ރައީސް ޔާމީނަކީ ތަހުގީގުގައި ވެސް ހަނު ހުންނަވާ ބޭފުޅެއް ނޫނެވެ. އެހެން ކަމުން މި ސުވާލަށް ވެސް ޖަވާބު ދެއްވާށެވެ.

ސިޔާސީ ދާއިރާގައި އަދިވެސް ރައްޔިތުންގެ އިތުބާރު ހޯއްދަވަން ރައީސް ޔާމީނަށް މަޖުބޫރުއިރު، އެމަނިކުފާނުގެ އަތްޕުޅުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެއްވި ގޮތް އެނގުން އެއީ ރައްޔިތުންގެ ހައްގެކެވެ. ހާއްސަކޮށް އެމަނިކުފާނުގެ މައްޗަށް ފަސާދަ އާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ އިރު އެ ތުހުމަތުތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ބުނެ ފަރުޖައްސާލެވޭކަށް ނެތެވެ. އަތްޕުޅުގައި 100 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ހުރުމަކީ ރައީސް ޔާމީނަށް ވަރަށް އާދައިގެ ކަމަކަށް ވެދާނެ އެވެ. އެކަމަކު އެއީ އާދައިގެ ކަމަކަށް ވުރެ، އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެކޭ ބުންނަން ގާނޫނުތަކުން ޖާގަ އޮތީ ނިކަން ތަނަވަސްކޮށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 70 ވަނަ މާއްދާ "ބައެއް ފަރާތްތަކުގެ އަތުން ދޭ އެހީ ގަބޫލު ނުކުރުމުގެ" މާއްދާ، ގައި ބުނާ ގޮތުގައި އިންތިހާތަކުގައި ކުރިމަތިލާ ކެންޑިޑޭޓަކަށް ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތަކުން ދޭ ފައިސާ ކެންޑިޑޭޓަކު ވެސް އަދި އޭނާގެ ފަރާތުން އެހެން މީހަކު ވެސް ބޭނުންކޮށްގެން ނުވާނެ އެވެ.

އެ ގާނޫނުގެ 72 ވަނަ މާއްދާގެ ރ. ގައި ބުނެފައިވާ ގޮތުގައި ކެންޑިޑޭޓަކަށް އެއްވެސް ފަރާތަކުން ކެމްޕޭނަށް ދޭ ފައިސާއެއްގެ މައުލޫމާތު ސިއްރުކޮށް އަދި އޮޅުވާލުމަކީ ކުށެކެވެ. އެ މާއްދާގެ ށ. ގައި ވަނީ އަމިއްލަ ފަރުދަކަަށް ނޫނީ ގާނޫނީ ސަހުސަކަށް މީހެއްގެ އިންތިހާބީ ކެމްޕޭނަށް ފަންޑް ކުރެވޭނެ އެންމެ ބޮޑު އަދަދު ކަނޑައަޅައި ސާފު ބަހުން ލިޔެގެނެވެ. މީގެ އިތުރުން ނ. ގައި ބުނެފައި ވަނީ ކެމްޕޭނަށް ދިން ފައިސާގެ ތަފްސީލް ކެމްޕޭން އެޖެންޑް ބަލަހައްޓަން ޖެހޭނެއޭ އެވެ.

ކެމްޕޭން ފައިނޭންސްއާ މެދު އެ ގާނޫނުގައި މިހާ ހަރުކަށި މާއްދާތަކެއް ހިމެނުމުގެ ރޫހަކަށް ވެފައި އޮތީ ސިޔާސީ ފަރާތްތަކަށް ލިބޭ ފައިސާގެ ދެ ފުށްފެންނަ ގޮތެއްގައި އާންމުންނާ ހަމައަށް ތިލަކޮށް ދިނުމެވެ. އެއީ ޒާތީ މައުލޫމާތޭ ބުނެ ސިއްރު ކުރުމުގެ ޖާގަ މި އޮތީ އެކީ ނައްތާލާފަ އެވެ. އަދި ކެމްޕޭން ފައިނޭންސް ހޯދޭނެ ގޮތްތަކާއި އެކަމުގައި އަމަލު ކުރަން ޖެހޭނެ ސާފު މަގުން މި ގާނޫނުން އެކަނިވެސް ކުރަހައިދެ އެވެ. ރައީސް ޔާމީން ވެސް ހިންގަވަން ޖެހޭނީ އެ މަގުން އެވެ.

ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ފައިސާއަކީ، ކެމްޕޭނަށް ލިބިވަޑައިގަތް ފައިސާކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގަންނަވާއިރު، އެ ފައިސާ ލިބި ވަޑައިގަތީ ކޮން ވިޔަފާރިވެރިއެއްގެ އަތުންތޯ އާއި އޭނާ ދެއްވީ ކިހާ އަދަދެއްގެ ފައިސާކަން ހާމަކުރައްވަން ޖެހެ އެވެ. އެކަން އާންމުންނަށް ހާމަކުރަން އެއްވެސް ގާނޫނެއްގައި މުތުލަގަށް ލިޔެފައި ނެތަސް، ޔަގީންވާ ކަމަކީ އެއީ ސިއްރު ކުރަން ނުޖެހޭ މައުލޫމާތުތަކެވެ.

ހާއްސަކޮށް ބޮޑު ރިޔާސީ އިންތިހާބެއްގެ ކެމްޕޭން ނިމުނު ފަހުން ވެސް އެމަނިކުފާނުގެ އެކައުންޓްތަކުގައި ޖަމާކޮށްފައި ހުރި ފައިސާގެ އަދަދު 100 މިލިއަނަށް އަރާއިރު އެ ފައިސާގެ އަޑި އެމަނިކުފާނު ބުނެދެއްވަން ގާނޫނުތަކުން ވެސް ހަގީގަތުގައި ލާޒިމްކުރެ އެވެ. ނޫސްވެރިން ސުވާލުކުރި އަސް އެ ތަފްސީލްތައް ފޮރުވައިގެން ނުވާނެ އެވެ. ގޯހެއް ނޫޅޭ ނަމަ ފޮރުވާކަށް ނުވެސް ޖެހެ އެވެ.

ކެމްޕޭނަށް ލިބޭ ފައިސާ ޖަމާ ކުރުމަށް ހާއްސަ އެކައުންޓެއް ހަމަޖައްސައި އެ ކައުންޓްގައި ފައިސާކޮޅެއް ރޯލްކޮށްލުމަކުން ޒިންމާއިން ރެކެވުނީކީއެއް ނޫނެވެ. ކަމަކާމެދު ޝައްކު ކުރެވޭ ނަމަ އެ ފައިސާއެއް ހޯދި ގޮތާއި ފައިސާދިން މީހުންނަކީ ކޮބައިކަން ވަރަށް ސާފުކޮށް ބުނެ ދިނުމަކީ ވެސް ގާނޫނީ ޒިންމާއެކެވެ. އަދި އެއީ ސިޔާސީ ފަރާތެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ތެދުބަހުން ދޭން ޖެހޭ މައުލޫމާތެވެ.

ރައީސް ޔާމީންގެ ކޮނޑުގައިވެސް އެ ޒިންމާ އާއި އަމާނާތް ހަމަ އެގޮތުގައި އެބަ އޮތެވެ. އެމަނިކުފާނު މީގެ ކުރިން ސިޔާސީ އެކި މަގާމުތައް ފުރުއްވުމާއި، ކުންފުނިތަކުގެ އިސް ވެރިއެއްގެ މަގާމު ފުރުމަކީ އެމަނިކުފާނުގެ އަތުގައި ވެސް ސުމާރެއް ނެތްވަރަށް ފައިސާ ހުންނަން ޖެހޭ ސަބަބެއް ނޫނެވެ. ރައީސް ޔާމީން ވެސް އަމިއްލަފުޅަށް ވިދާޅުވާ ގޮތުގައި އެމަނިކުފާނު ވިޔަފާރިއެއް ނުކުރައްވަ އެވެ. އެކަމަކު ގެ ކުއްޔަށް ދެއްވައިގެން މީގެ ކުރިން އާމްދަނީ ލިބިވަޑައިގަތެވެ. އެކަމަކު އެމަނިކުފާނަށް ކުރިން އާމްދަނީ ލިބެމުން އައި ގެ ދޫކޮށްލެއްވުމުން އެ އާމްދަނީ ވެސް މިހާރު ލިބިވަޑައިގަންނަވާނެހެން ހިއެއް ނުވެ އެވެ.

އެމަނިކުފާނުގެ އެކައުންޓްގައި ޖަމާކޮށް މިލްކިއްޔާތުގައި ހުންނެވި 100 މިލިއަން ރުފިޔާގެ ވާހަކަ އެހާ ފަސޭހައިން ހިންދާލެވެން ނެތީވެސް، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުން ވެސް އެކަމަށް އެމަނިކުފާނަށް ޖާގަ ނުދޭތީ އެވެ. އެ ގާނޫނުގެ އެކި މާއްދާތަކުގައި ސާފު ބަހުން ލިޔެފައި ވަނީ، އާމްދަނީއާ ނުބައްދަލު ފައިސާއެއް ނޫނީ މުއްސަދިކަމެއް އެ މީހެއްގެ އަތުގައި ހުރެއްޖެ ނަމަ، އެއީ ކިހިނެތް ހޯދި އެއްޗެއްކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު އެއީ ރިޝްވަތު ނޫނީ ހިޔާނާތަށް މަގުފަހިވާ ގޮތަށް ހޯދި ފައިސާ ކަމުގައި ބެލެވޭ ކަމަށެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފެންމަތިވެ، އޭގެ ފައިސާތަކެއް އެމަނިކުފާނުގެ ސިޔާސީ ކަންކަމަށް ފޭދިގެން ދިޔަކަން އެއީ އެންމެން ދަންނަ އެކަމަކު ސިއްރެކެވެ. އެ ހުރިހާ ކަމެއް ހިނގައިދިޔުމުން ރައީސް ޔާމީންއަށް ކުރެވޭ ތުހުމަތުތައް ގިނައިރު އެމަނިކުފާނުގެ އެކައުންޓަށް ފުރާ ޖަމާވެފައި ހުރި ފައިސާތަކުގެ ހަގީގަތް މިވަގުތަށް ބުނެދެއްވަން ޖެހި ވަޑައިގަންނަވަ އެވެ. އެހެން ނޫނީ، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަކީ ވުމަށް ވުރެ ނުވުން ކައިރީގައި އޮތް ކަމެކެވެ.