ހަބަރު

ބަސްތާ ވެއްޓިގެން މަރުވި ކުއްޖާގެ އާއިލާއާ މައުމޫން ބައްދަލު ކުރައްވައިފި

ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިގެން މަރުވި އުމުރުން ހަތް އަހަރުގެ ކުއްޖާގެ އާއިލާއާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވައިފި އެވެ.

އިއްޔެ ހެނދުނު 10:45 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން މަރުވެފައި ވަނީ އުމުރުން ހަތް އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ރޯޝަން ޖިއަން ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން ވަނީ އެ ކުއްޖާގެ އާއިލާއާ ބައްދަލު ކުރައްވާ ފޮޓޮ އެއް ޓްވީޓު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ކުއްޖާ މަރުވި ހަބަރާއެކު ހިތާމަ ކުރާ ކަމަށެވެ. އަދި އާއިލާއަށް ލިބުނު ބޮޑު ގެއްލުމުން އަރައިގަތުމުގެ ހިތްވަރު ދިނުމަށް ދުއާ ކުރާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓު

ޖިއަންއަކީ ފ. އަތޮޅު ރަށެއްގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ. އެ ކުއްޖާގެ މަންމައަކީ އެ އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެވެ. ޖިއަން މާލެ އައީ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ނަމަވެސް މާފަންނު ސަންފްރަންޓު ހުންނަ އިމާރާތް ކައިރިން އެ ކުއްޖާ ހިނގާފައި ދަނިކޮށް ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، ހޮސްޕިޓަލުގައި ފަރުވާ ދަނިކޮށް މިއަދު 12:00 ހާއިރު މަރުވީ އެވެ.

ރައީސް މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ ހިތާމަ ކުރައްވާ ކަން ފާޅުކޮށްފަ އެވެ. އެ ހާދިސާއާ ގުޅިގެން މާލޭގައި އިމާރާތް ކުރުމުގެ ހުއްދަތަށް ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އަދި އިމާރާތް ކުރުމުގެ ސަލާމަތަށް ގިނަަ ފިޔަވަޅުތަކެއް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ވަނީ އަޅަން ފަށައިފަ އެވެ. އެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.