ރައީސް މައުމޫން އަބްދުލްގައްޔޫމް

މަރު ކޮމިޝަނުގެ މެންބަރުންނަށް ރައްކާތެރިކަން ދޭންޖެހޭ: މައުމޫން

ރިޔާސީ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި، އެ ކޮމިޝަންގެ މެންބަރުނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އަހްމަދު ރިލްވާން ގެއްލުވާލުމުގައި އަޑީގައި ތިބި މީހުންގެ މައުލޫމާތު ހިމެނޭ ގޮތުން މަރު ކޮމިޝަނުން ތަހުގީގު ކޮށްފައިވާ ރިޕޯޓް އާންމު ކުރުމާއި ގުޅިގެން، ސުއޫދާއި ކޮމިޝަންގެ މެންބަރުންނަށް ނުރައްކަލެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.

ގާނޫނީ ވަކީލަކު ކުރެއްވި ޓްވީޓަކަށް ތާއީދު ކުރައްވާ މައުމޫން ވިދާޅުވީ ސުއޫދާއި ކޮމިޝަންގެ މެންބަރުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ. އެ ގާނޫނީ ވަކީލް ވަނީ މަރު ކޮމިޝަންގެ ރައީސާއި، އެ ކޮމިޝަންގެ މެންބަރުނަށް ސެކިއުރިޓީގެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މައުމޫން ވަނީ ރިލްވާން ގެއްލުވާލުމުގައި އަޑީގައި ތިބި މީހުންގެ މައުލޫމާތު ހިމެނޭ ގޮތުން މަރު ކޮމިޝަނުން ތަހުގީގު ކޮށްފައިވާ ރިޕޯޓް އާންމު ކުރުމާއި ގުޅިގެން، އެކަމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގާފައިވާ ބޮޑު ތިން މަރާ ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހާމަކޮށްފަ އެވެ.

ސުއޫދު ވިދާޅުވީ ރިލްވާނާއި ޔާމީން ރަޝީދާއި ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ފަހަތުގައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ކަމަށެވެ.