ތުރުކީގެ ފުޓްބޯޅައިގެ ގަދަ ބާރު ބެސިކްޓަސްއަށް ކުރިމަތިވި މާލީ މައްސަލަތަކާ ހުރެ، ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ޕެޕޭ ޓީމު ދޫކޮށްލައިފި އެވެ.
ޖުލައި 2017 ގައި، ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑް ދޫކޮށް ބެސިކްޓަސްއަށް ޕެޕޭ ބަދަލުވީ، ދެ އަހަރުގެ އެއް ބަސްވުމެއްގަ އެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވާން ބާކީ ހަ މަސް އެބައޮތެވެ. ކުޅިވަރު ޚަބަރު ގެނެސްދޭ މަޝްހޫރު އީއެސްޕީއެން އިން ބުނެފައި ވަނީ، ކުލަބަށް މާލީ މައްސަލަތައް ދިމާވުމުން، އިސްތަންބޫލްގެ ކުލަބު ދޫކޮށް ޕެޕޭ ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން ދެ ފަރާތުން އެއްބަސްވެގެން ޕެޕޭ ކޮންޓްރެކްޓް ބެސިކްޓަސްއިން ބާތިލު ކޮށްފައިވާ ކަމަށެވެ.
ތުރުކީގެ ބައެއް ކުލަބުތަކަށް ވަނީ މާލީ މައްސަލަތައް ކުރިމަތި ވެފަ އެވެ. އެ މައްސަލަ ކުރިމަތިވީ، ތުރުކީގެ ފައިސާ 'ލީރާ' ގެ އަގު މައްޗަށް ދިއުމާއި، ޔޫއެފާ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފަށް ތުރުކީގެ ބައެއް ކުލަބުތަކުން ޚަރަދު ކުރުމުން ޔޫއެފާއިން ޓީމުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުލަބުތައް އިނދަޖެހި ފައިވުމުންނެވެ.
ޕެޕޭ ވަނީ، ބެސިކްޓަސްގައި އޭނާ ހޭދަ ކުރި މުއްދަތުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ޕެޕޭ ބެސިކްޓަސްގައި ހޭދަ ކުރި މުއްދަތުގައި، އޭނާ ވަނީ ކުލަބުގެ މުވައްޒަފުންނާ ރަނގަޅު ގުޅުމެއް ބާއްވާފަ އެވެ. މުސާރަ ނުލިބި ތިބި ޓީމުގެ ކިޓް ސްޓާފުންނާނާއި ކައްކާ މީހުންނާއި މެއިންޓެނެސް މުވައްޒަފުންނަށް ޕެޕޭގެ ޖީބުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އީއެސްޕީއެން އިން ވަނީ ބުނެފަ އެވެ.
ކުރިމަތީގައި އޮތީ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑެވެ. ޕެޕޭ ސޮއި ކުރާނެ ކަމަށް ބެލެވެނީ އޭނާގެ ކުރީގެ ކުލަބު އެފްސީ ޕޯޓޯ އަށެވެ.