ފޮރިން މިނިސްޓްރީ

މި ސަރުކާރަކީ ހިތްވަރުގަދަ ސަރުކާރެއް: ޑރ. އިޔާޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ވަރަށް ހިތްވަރުގަދަ ސަރުކާރެއް ކަމަށް ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެ ރޭގެ ވަގުތެއްގައި ފޮރިން މިނިސްޓިރީން ނެރުނު ބަޔާނެއް ރީޓްވީޓް ކުރައްވާ، އިޔާޒު ވިދާޅުވީ ހިތްވަރުގަދަ ސަރުކާރަކަށް މެނުވީ އެފަދަ ބަޔާނެއް ނެރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަ ށެވެ.

" މިއީ ވަރަށް ހިތްވަރުގަދަ ސަރަކާރަކަށް ނޫނީ ނުނެރެވޭނެ ފަދަ ބަޔާނެއް،" އިޔާޒު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ކޯޓުތައް އިސްލާހު ކުރުމަށްފަހު، މަރަށް މަރު ހިފަން ފަށާނެ ކަމަށެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު ރާއްޖެއިން ރަސްމީކޮށް ދެކޭ ގޮތް އދ. ގައި ބަޔާން ކޮށްދެއްވަމުން ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ، 2014 ވަނަ އަހަރު ވުޖޫދަށް އައި ގާނޫނުލްއުގޫބާތުގައި ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން އިސްލާމީ ޝަރީއަތާ އެއްގޮތަށް އެ ހުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނީ ރާއްޖޭގެ ރައްޔިތުން ކޯޓުގެ ނިންމުންތަށް ފުރިހަމައަށް ބަލައިގަނެވޭ ފަދަ ބަދަލެއް ކޯޓުތަކަށް ގެނެސްގެން ކަމަށެވެ.

"... އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާއަށް ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ" މިނިސްޓިރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި، ރާއްޖެއިން ވަނީ "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތް ޕެނެލްޓީ" ރެޒޮލޫޝަނާ ދެކޮޅަށް ވޯޓުދީފަ އެވެ.