އޮފްބީޓް

ފުއްލާ ޝިކާރަވެރިއަކަށް ބޭމްބީ ކާޓޫނު ބަލަން އަމުރު ކޮށްފި

އެމެރިކާގެ ޝިކާރަ ވެރިއަކު 100 އަށް ވުރެ ގިނަ ފުއްލާ މަރާފައިވާތީ އެ މައްސަލަ ބެލުމަށްފަހު ޖަލުގައި ހުރެގެން މަހަކު އެއްފަހަރު ބޭމްބީ ކާޓޫނު ބެލުމަށް އޭނާގެ މައްޗަށް އަމުރެއް ކޮށްފި އެވެ.

ޑޭވިޑް ބެރީ ޖޫނިއާ ކިޔާ މި ޝީކާރަވެރިޔާ ވަނީ 100 އަށް ވުރެ ގިނަ ފުއްލާ ގަސްތުގައި މަރާފަ އެވެ. އަދި ފުއްލާތައް މެރުމަށްފަހު އޭގެ ބޯ ވަކިން ނަގައި، ހަށިގަނޑު ކުނިވާން ޖަންގަލީގައި ބާއްވަ އެވެ. މިހާ ގިނަ އަދަދެއްގެ ފުއްލާ މަރާފައިވާތީ އޭނާގެ މަައްސަލަ ބެލުމަށްފަހު، އޭނާއަށް ހުކުރި އަމުރުގައި ބުނެފައިވަނީ މަހަކު އެއްފަހަރު ބޭމްބީ ކާޓޫނު ބެލުމަށެވެ.

ޖަޖް ރޮބާޓް ޖޯޖު ބުނެފައިވަނީ، ބޭމްބީ ކާޓޫނު 23 ޑިސެމްބަރުގެ ކުރިން ބެލުމަށެވެ. އަދި މަދުވެގެން އެއްފަހަރު ކޮންމެ މަހަކު މި ކާޓޫނު ބަލަން ޖެހޭނެ ކަމަށެވެ. ބޭމްބީ ކާޓޫނު މަހަކު އެއްފަހަަރު ބަލަން ހަމަޖައްސާފައިވަނީ، މި ކާޓޫނުން ބެލުންތެރިންނަށް ދޭ މެސެޖުގެ ސަބަބުންނެވެ.

ޑިޒްނީ އިން 1942 ގައި އުފެއްދި ބޭމްބީ ކާޓޫނުގައި ދައްކުވައިދޭނީ ބޭމްބީ (ފުއްލާއެއް) ގެ ދިރިއުޅުމެވެ. ބޭމްބީގެ މަންމަ ޝިކާރަވެރިއެއްގެ އަތުދަށުގެ، މަރާލުމުން ބޭމްބީ އެ ހިތާމައިގައި އުޅޭ ދިރިއުޅުމުގެ ހިތްދަތި އިހުސާސްތައް މި ކާޓޫނުގައި ފެނެ އެވެ. އަދި ޖަންގަލީގައި ޝިކާރަވެރިއެއްގެ ޝިކާރައިގައި ނުޖެހި އުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން ފެނެ އެވެ.

މީގެ ކުރިންވެސް ބެރީ ވަނީ އެތައް ސަތޭކަ ފުއްލާތަކެއް މަރާފައި ކަމަށާއި، ސީދާ އަދަދެއް ނޭނގޭ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އަދި ގަސްތުގައި ޖަނަވާރު މެރުމުގެ ތުހުމަތުގައި އޭނާއަށް ވަނީ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްފަ އެވެ.