އެމްއެމްޕީއާރްސީ

އޭސީސީގެ ތަހުގީގުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަދަދު މައްޗަށް

Dec 18, 2018
6

އެމްއެެމްޕީއާރުސީއިން ފަޅުތަކާއި ރަށްތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ބޮޑު ހިޔާނާތުގެ އަދަދު، 91.9 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ)އަށް އަރާ ކަމަށް އޭސީސީއިން އެ މައްސަލައިގައި އާންމު ކުރި ނޫސް ބަޔާނަކުން ހާމަވެއްޖެ އެވެ. އެހެން ނަމަވެސް، މީގެ ކުރިން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ހިޔާނާތުގެ އަދަދު އަރަނީ،
1.2 ބިލިއަން ރުފިޔާއަށެވެ.

އެހެން ކަމުން، އޭސީސީގެ ތަހުގީގުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަދަދު 200 މިލިއަން ރުފިޔާ އިތުރެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން، އޭސީސީއިން ތަފްސީލްކޮށް ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި ބުނީ، އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރިއިރު، އެކި ފަޅުތަކާއި ރަށްތައް ކުއްޔަށް ދޭން ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް 91.1 މިލިއަން ޑޮލަރު ލިބެން ޖެހޭ ކަމަށެވެެ.

އޭސީސީއިން ބުނީ، މައްސަލަ އިތުރަށް ބެލިބެލުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް އެކި ފަރާތްތަކުން 77.5 ޑޮލަރު ދައްކާފައިވާކަން ތަހުގީގަށް ޔަގީންކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން، އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަދެފައި ވަނީ، 12.5 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރުސީއަށް ލިބުނު އެ ޑޮލަރު ޗެކްތައް، އެންޑޯސްކޮށްގެން ޕްރައިވެޓް ދެ ކުންފުންޏެއްގެ އެކައުންޓަށް ޗެކްތައް ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ. އަދި އޭގެ ތެރެއިން އެއް ކުންފުނީގެ ޑޮލަރު އެކައުންޓަށް އެ ފައިސާތައް ޖަމާކޮށް އެ ކައުންޓުން 155 ފަރާތަކަށް އެ ފައިސާތައް ޖަމާކޮށްފައިވާ ކަމަށެވެ، އެ ފަރާތްތަކަށް އެ ފައިސާތައް ފޮނުވި ސަބަބު، އޭސީސީއިން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނީ، އެސްއޯއެފްގެ އެކައުންޓުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ނަގާފައިވާ ކަމަށާއި އެ ފައިސާތައް ގޮސްފައިވާ ދިމާ ހޯދޭނެ ގޮތް ނުވެފައިވާ ކަމަށެވެ. އެކަން ހޯދިފައި ނުވަނީ އެކަމުގައި އަމަލީ ގޮތުން އުޅުނު ފަރާތްތައް ރާއްޖެއިން ބޭރުގައި އުޅެމުން އަންނާތީ އެވެ. އަދި އެ މީހުން ހޯދަން ރެޑްނޯޓިސް ނެރެފައިވީ ނަމަވެސް، އެ މީހުން ރާއްޖެ ގެނެވިފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ތަހުގީގު ފުރިހަމަ ކުރެވެން އަންނަނީ އެ ފަރާތްތަކާ ސުވާލު ކުރެވިގެން ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

އޭސީސީއިން ބުނީ، އެމްއެމްޕީއާރުސީގެ ތަހުގީގުގައި މިހާތަނަށް 5681 ޑޮކިއުމެންޓު އެ ކޮމިޝަނުން އެނަލައިޒް ކުރި ކަމަށެވެ. އަދި މައްސަލައާ ގުޅޭ 163 ފަރާތެއްގެ 28،448 ބޭންކު ސްޓޭޓްމަންޓް ބަލާފައިވާ ކަމަށް ވެސް ބަޔާނުގައިވެ
އެވެ.