ހަބަރު

ތުރުކީގެ ކޯޓުން ސަލްމާން ގުލެން ޖަލައްލައިފި

Dec 19, 2018

ދެހާސް ސޯޅަ ވަނަ އަހަރު ތުރުކީއަށް ގެންނަން އުޅުނު އިންގިލާބުގެ ފަހަތުގައި ހުރި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދަޣާން ތުހުމަތު ކުރައްވާ ފަތުހުއްﷲ ގްލެންގެ ކޮއްކޮ ސަލްމާން ގުލެން ހަތް އަރާއި ބައިގެ މުއްދަތަށް ޖަލަށް ލާން ތުރުކީގެ ކޯޓުން ހުކުން ކޮށްފި އެވެ. ސަލްމާން ގުލެން ގެ މައްޗަށް އުފުލާފައިވާނީ ޓެރަރިޒަމާއި ގުޅުން ހުރި ދައުވާތަކެވެ.

ސަލްމާން ގުލެންގެ މައްޗަށް ސަބިތުވި މައްސަލައަކީ ޓެރެރިޒަމަށް ވާގިވެރިވާ ޖަމާއަތަކަށް ނިސްބަތްވުން ކަމަށް ވެރިރަށް އަންކާރާގެ ހަބަރު ފަތުރާ ވަސީލަތްތައް ބުނެ އެވެ. އަދި އެކުށުގެ އަސްލު އަދަބަކީ 15 އަހަރު ކަމުގައި ވިޔަސް ދައުލަތުން ވަނީ ހަތްއަރާއި ބައިގެ މުއްދަތަށް އެއްބަސްވެފަ އެވެ.

ސަލްމާން ގުލެން އެނާގެ ޝަރިޔަތުގެ މަޖިލިހުގައި ތަކުރާރުކޮށް އެނާ އާއި ފަތުހުއްﷲ ގުލެން އާއި ދެމެދު އެފަދަ އެއްވެސް ގުޅުމެއް ނުވާކަމަށް ވަނީ ބުނެފަ އެވެ. އަދި އެނާގެ މުޅި އުމުރުގައި ވެސް ފަތުހުﷲ ގުލެން އާއި ދިމާވެފައިވާނީ ވެސް އެންމެ ފަހަރަކު ކަމުގައި ބެނެ ދައުލަތަށް ރައްދު ވެސް ދިނެވެ. އަދި އެނާ ހިފާ ހައްޔަރުކޮށް ޖަލަށް ލަނީ އެނާއަކީ ފަތުހުއްﷲ ގުލެންގެ ތިމާގެ މީހަކަށް ވުމުން ކަމަށް ބުނެ ވަކާލާތު ކުރިއެވެ. އެހެން ކަމުން ކޯޓުގައި ސަލްމާ ގުލެން ދިޔައީ އޭނާ ދޫކޮށްލުމަށް ފަންޑިޔާރުންގެ ކިބައިން އެދެމުނެނެވެ.

ފަތުހުއްﷲ ގުލެން އަކީ ރައީސް ރަޖެބް ތައްޔިބް އުރްދަޣާން އާއި އެއްދުވަސްވަރެއްގައި ވަރަށް ގާތްގުޅުމެއް ބޭއްވި ބޭފުޅެކެވެ. ނަމަވެސް އެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތު ވުންތައް އުފެދި އެންމެ ފަހުން ގުލެން ވަނީ އަމިއްލައަށް އަރުވާލެވިގެން ދިރިއުޅުން އެމެރިކާއަށް ބަދަލު ކޮށްފައެވެ.

އޭގެ ފަހުން ގުލެން ނިސްބަތްވާ އެފްއީޓީއޯ ވަނީ ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި ތުރުކީ ސަރުކާރުން ކަންޑައަޅާފަ އެވެ. އަދި އެ ޖަމާއަތަށް ނިސްބަތްވާ އެތައް ހާސް މީހުން ވަނީ އެކި އެކި މައްސަލަތަކުގައި ބަންދުކޮށް ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ފަތުހުއްﷲ ގުލެން ވަނީ ތުރުކީ ސަރުކާރުން އެނާގެ މައްޗައްކުރާ ތުހުމަތުތައް ދޮގު ކޮށްފަ އެވެ. އަދި 2016 ވަނަ އަހަރު އަސްކަރިއްޔާގެ ބަޔަކާ ގުޅިގެން އެފްއީޓީއޯ ގެ ހަރަކާތުން އެއްވެސް ބަޣާވާތެއް ގެންނަން މަސައްކަތް ނުކުރާކަމަށް ވެސް އެނާ ބުނެއެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީގެ ދިފާއީ ވަޒީރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުން 15154 ސިފައިންވަނީ ނާާމިޔާބުވި ބަޣާވާތާ ގުޅިގެން ސިފައިންގެ ވަޒީފާއިން ވަކި ކޮށްފަ އެވެ. އަދި ވަކި ކުރި މީހުންގެ ތެރެއިން 326 މީހަކު ވަނީ އަލުން އަނބުރާ އަސްކަރިއްޔާގެ ހިދުމަތަށް ގެންގޮސްފަ އެވެ. އަލުން ގެންދިޔަ މީހުނަކީ ފަތުހުﷲ ގުލެންގެ އެފްއީޓީއޯ ހަރަކާތާއި ގުޅުން ނެތްކަން ޔަގީން ކުރެވުނު މީހުނެވެ.

ތުރުކީގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ އަންގާރަ ދުވަހުވެސް 70 ވަރަކަށް މީހުން ވަނީ ގުލެންގެ ހަރަކާތާ ގުޅުން ހުރިކަމަށް ބުނެ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި މެޑިސިން ކިޔަވާ ކުދިން ހިމެނެ އެވެ. މިހާތަނަށް 218000 މީހުންވަނީ މި މައްސަލަތަކާއި ގުޅިގެން ހިފަހައްޓަފަ އެވެ.