ހަބަރު

ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްނުވުމަކީ ދެރަ ކަމެއް: ރައީސް

ސަރުކާރު ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮވެ، ރިޔާސީ ދެ ކޮމިޝަނަށް ބާރުދޭ ބިލް ފާސްނުވުމަކީ ދެރަ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަންއަށް ބާރުދޭ ގޮތަށް ހުށަހެޅި، "ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް"އާ މެދު ގޮތެއް ނިންމުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ކޯލިޝަންގެ ބައެއް މެންބަރުން ވަޑައިނުގަންނަވަ އެވެ.

އެ ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާ އެވެ. އެ ދުވަހު ބިލް ފާސްކުރަން ވޯޓަށް ނޭހުމަކީ ބިލް ފާސްކުރެވޭ ވަރަށް ކޯލިޝަންގެ މެންބަރުން ނެތުމުންނެވެ. މިހާރު މަޖިލިސް އޮތީ ޗުއްޓީގަ އެވެ. ކޮމިޝަނުން ވެސް ވަނީ މައްސަލަތަކުގެ ތަހުގީގު އޭގެ ސަބަބުން ލަސްވެދާނެ ކަމަށް ބުނެފަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން އެ ބިލް ފާސްނުވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މެޖޯރިޓީ މަޖިލީހުގައި އޮވެ 46 މެންބަރުން ކޯލިޝަންގަ އެބަ ތިއްބެވި، އެކަމަކު 46 މެންބަރުން އެތަނަށް ހާޒިރު ނުވެވޭ ގޮތް ކޮންމެވެސް ސަބަބަކާހުރެ ދިމާވުމަކީ ދެރަ ކަމެއް ހިތާމަ ކުރާ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ވެސް ކޯލިޝަންގެ ބޭފުޅުންނަށް އިލްތިމާސް ކުރަން ބޭނުން ވަނީ މިކަންކަން ކުރުމަށް އެހީތެރިކަން އަޅުގަނޑުމެން ބޭނުންވެއޭ، ހާއްސަކޮށް މަޖިލީހުން ނިންމަންޖެހޭ މިކަހަލަ ކަންތައްތަކުގައި އެހީތެރިވެ ދެއްވާށޭ،"

އެހެންނަމަވެސް ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަނާ ދޭތެރޭގައި ޔަގީންކަން އެބަ އޮތް ކަމަށާއި ކޯލިޝަންގެ އެއްބާރުލުން އެމަނިކުފާނަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި ސަރުކާރު ދެމި އޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި، އަޅުގަނޑު ރައްޔިތުން އިންތިހާބުކުރި ގޮތް ވަރަށް ސާފު، އެގޮތުގައި އަޅުގަނޑު ދެމިހުންނާނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.