ހަބަރު

ކޮމިޝަނަށް ބާރު ދޭން ގާނޫނުއަސާސީން ހުއްދަ ނުދޭ: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭން ގާނޫނު އަސާސީން ތަން ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މިހެން ވިދާޅުވީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރި ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ގާނޫނު އަސާސީއިން އެކިއެކި މުއައްސަސާތަކަށް ދީފައިވާ ބާރުތަކާއި އިންތައް ފުރޮޅާލާފައި ކޮންމެ ވެސް ކޮމިޝަނެއް ހަދައިގެން ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއި ފުލުހަށް ލިބިފައިވާ ބާރުތައް ހަތް މީހަކު އެކުލެވޭ ކޮމިޝަނަކަށް ދެވިގެން ނުވާނެ ކަމަށެވެ.

"ގާނޫނު އަސާސީގައި ވަކި ގޮތަކަށް ބަޔާންވެގެން ހުރި ކަންތައްތަކެއް އަނެއް އަތަށް ކޮމިޝަނެއް ހަދައިގެން އެ ކޮމިޝަނަށް ބާރު ދީފައި ޑްޕްލިކޭޓްވާ ގޮތަށް ކަންކަން ކުރުމަކީ ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

އެގޮތަށް އެކަންކަން ކުރެވިއްޖެނަމަ، އެ ދަނީ ރަނގަޅު މަގަކުން ނޫން ކަމަށް ގާސިމް ވެސް ވިދާޅުވި އެވެ. މީގެ ކުރީގެ ރައީސުން ވެސް ރިޔާސީ ކޮމިޝަންތައް ހެއްދެވި ކަމަށާއި އެކަމަކު ގާނޫނެއް ހަދައިގެން އެހެން މުއައްސަސާތަކަށް ދީފައިވާ ބާރުތައް ހޯދުމަށް ނޫޅުއްވާ ކަމަށެވެ.

"ކޮމިޝަން ކޮކޮްޓެއިލަކަށް ހަދައިގެން އެއްގޮތަކަށް ވެސް އެހެން ރައީސުން އެއް ވެސް ނޫޅުއްވާ، އެގޮތަށް ކޮކްޓެއިލް ހަދާފައި އެ ދެވޭ ބާރުތަކަކީ ގާނޫނު އަސާސީގެ ރޫހާ އެއްގޮތްވާ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިހެން ވިދާޅުވިއިރު ރައީސް ސޯލިހު ވަނީ ކޮމިޝަންތަކަށް ބާރު ދިނުން ލަސްވާތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ ވެރިކަމުގެ ވަރަށް ކުރީކޮޅު އެވެ.

ނަމަވެސް މިދިޔަ އަހަރު މަޖިލިސް ނިންމާލައި ޗުއްޓީއަށް ދިޔައީ ބިލް ފާސްނުކޮށެވެ. އޭގެ ފަހުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެކަމަކު އެ ޖަލްސާ ބޭއްވުމަށް މެންބަރުން ބޭނުމެއް ނުވި އެވެ. އަލުން މަޖިލިސް ފެށުނު ފަހުން ވެސް ދެ ފަހަރެއްގެ މަތިން އެ ބިލަށް ވޯޓަށް އަހަން ތާވަލުކުރި އެވެ. އެކަމަކު މެންބަރުން ހަމަނުވެގެން ވޯޓަށް ނޭހުނެވެ.

އޭގެފަހުން ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ވޯޓާ ވެސް އެކު، އެ ބިލް އަނބުރާ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާލާފަ އެވެ. އެއީ ކޮމިޓީ ރިޕޯޓްގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ބައެއް މެންބަރުން ޝަކުވާކޮށްފައިވާ ކަމަށް ވިދާޅުވެ އެވެ. ގާސިމް އެހެން ވިދާޅުވުމުން ކޮމިޓީގެ އޭރުގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ. މިހާރު އެ ކޮމިޓީގެ މުގައްރިރު ކަމުން ރޮޒައިނާ ވަނީ ވަކިވެވަޑައިގެންފަ އެވެ. މިހާރު އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ރިޔާޒު ރަޝީދެވެ.

ގޮތް ނޭނގޭ މަރުތަކާއި ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަން ބެލުމަށް ރައީސް ސޯލިހު އެކުލަވާލެއްވި ކޮމިޝަންތަކަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެ ކޮމިޝަންތައް އެމަނިކުފާނު އުފެއްދެވީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އެވެ.