ހަބަރު

ފައިސާގެ ދައްޗަކާ ދެން ކުރިމަތިނުވާނެ: ރައީސް

އިންޑިއާ ސަރުކާރުން ދިން ބަޖެޓް ސަޕޯޓާއެކު ކުރިއަށް އޮތް 4-5 މަސް ދުވަހަށް އެއްވެސް ދައްޗެއް ނެތި ހިންގޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ވަނީ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފައިނޭންސްއެއް ރާއްޖެއަށް ދޭން ނިންމާފަ އެވެ. އޭގެ ތެރޭގައި ބަޖެޓް ސަޕޯޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހިމެނެ އެވެ.

އެ ދަތުރުފުޅަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުވެވަޑައިގެންނެވުމާއެކު އެމްއެމްއޭގެ ގަވަރުނަރާ ބައްދަލު ކުރެއްވުމުން ރާއްޖޭގެ ރިޒާވް ހުންނާނީ 15-20 މިލިއަން ޑޮލަރުގައި ކަމަށް މައުލޫމާތު ދެއްވި ކަމަށެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ގަވަރުނަރާ ބައްދަލު ކުރެއްވުމުން ރިޒާމް "ތަންކޮޅެއް ރަނގަޅު" ކަމަށް މައުލޫމާތު ދެއްވި ކަމަށެވެ. ރިޒާވް ތަންކޮޅެއް ރަނގަޅު ވަނީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހަދާ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދިނަސް މައްސަލައެއް ނެތް ކަމަށް އެ ކުންފުނިން ބުނެފައިވާތީ ކަމަށް ގަވަރުނަރު ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެންކަމުން ރިޒާމް 75 ނުވަތަ 90 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށް ގަވަރުނަރު ދެންނެވި ކަމަށެވެ.

ދުނިޔޭގެ އިގްތިސޯދަށް އަންނަ ބޮޑު ދަތިކަމަކުން ނޫނީ ދެން ދަތިކަމެއް ރާއްޖެއަށް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 30 ބިލިއަން ރުފިޔާ ވަނީ ފާސްކޮށްފަ އެވެ.