ހަބަރު

ގޮނޑި ބެހުމާމެދު އަދި ގޮތެއް ނުނިމޭ، އެކަމަކު ކުރިއެރުން ލިބިއްޖެ: ރައީސް

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ކޯލިޝަނުން ގޮނޑިތައް ބެހުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކަމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުންނާއެކު ކޮންމެ މަހަކު އެއްފަހަރު ރައީސްއާއެކު ވަނީ ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރައްވަން ނިންމާފަ އެވެ. އެގޮތުން މިއަދު ވަނީ މިމަހުގެ ބައްދަލުވުން ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި މިއަދު ވަނީ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ބައިވެރިވެވަޑައިގެންފަ އެވެ.

ދެ ގަޑިއިރަށްވުރެ ދިގުކޮށް ހޮޓެލް ޖެން ކުރިއަށްދިޔަ އެބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ތެރެއިން އިންތިހާބުގައި ވާދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"ދެން ވާހަކަ މި ފެށުނީ އަދި ކިރިޔާ އިނގޭތޯ، މިއަދަކު ނިންމުމަކަށް ނާދެވެ، އެހެންވިޔަސް ކުރިއެރުންތައް އެބަހުރި، އެހެންވީމަ އިތުރު ބައްދަލުވުންތައް އެކަމުގައި ކުރިއަށްދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ މައްސަލާގައި އަވަހަށް ގޮތެއް ނިންމޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އުންމީދަކީ މިކަމުގައި ކޯލިޝަންގެ ހުރިހާ ފަރާތްތަކުން އެއްބަސްވާ ގޮތަކަށް މައްސަލަ ހައްލުވެގެންދިއުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އިންތިހާބަށް ތައްޔާރުވުމަށް އެކި ޕާޓީތަކުން އެކިގޮތަށް އެބަ މަސައްކަތް ކުރޭ، އެހެންވީމަ ހުރިހާ ޕާޓީތަކަށް އެޕާޓީއެއްގެ އެއޮންނަ ގަވާއިދާއި އުސޫލުގެ ތެރެއިން މަސައްކަތް ކުރެވޭނެ ފުރުސަތު ލިބޭ ގޮތަށް މަޝްވަރާތަކާއެކު ނިމުމަކަށް ގެންނާނީ،" ރައީސް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، ގޮނޑިތައް ބެހުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވެވަޑައިގެންފައިވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއިން ނިންމަވާ ގޮތަކީ ކޯލިޝަންގެ އެހެން ޕާޓީތަކުން އެންމެ ބޭނުންވާ ގޮތް ކަމަށް ނުވެދާނެ ކަމަށާއި އެމްޑީޕީގެ މެންބަރުން ވަނީ 86 ދާއިރާއަށް ކުރިމަތިލާން ވޯޓްދީފައި ކަމަށެވެ.

ނަޝީދު ވިދާޅުވީ، މަޖިލިސް ޕްރައިމަރީއަށް ހުޅުވާލުމާއެކު ޕާޓީއަށް ވަރަށް ގިނަ މެންބަރުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އިތުރަށް 30،000 އަށްވުރެ ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅިފައިވާ ކަމަށާއި އޭގެ ތެރޭގައި 11،000 ބޭފުޅުންނަކީ ޕީޕީއެމުން އެމްޑީޕީއަށް ބަދަލުވި މެންބަރުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން 87 ދާއިރާއަށް ކުރިމަތިލާނެކަން އިއުލާން ކުރުމާއެކު ކޯލިޝަންގެ ތެރޭގައިވަނީ ކޯޅުމަކަށްގޮސްފަ އެވެ. ޖުމްހޫރީ ޕާޓީންވެސް ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ކެރޭނެ ކަމަށާއި އެކަން ނުކުރަނީ ކޯލިޝަނަށް އަސަރު ކޮށްފާނެތީ ކަމަށް ބުނެފަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.