ހަބަރު

"ލީޑަރުން ކުރިމަތީ ކުރި މުޒާހަރާއަކީ ކޯލިޝަން ރޫޅުމުގެ ނިޝާނެއް"

Dec 21, 2018
10

މަހުޖަނުންގެ ނުފޫޒުން ރައްޔިތުން މަޖިލިސް ސަލާމަތް ކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ކުރިމަތީގައި އިއްޔެ ކުރި މުޒާހަރާއަކީ ސަރުކާރު ކޯލިޝަން ރޫޅުމުގެ ފުރަތަމަ ސިގްނަލް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީ އެޑްވައިސަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް، ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ޖެންގެ ލޮބީގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދެވި ވަގުތު ބައެއް ފަރާތްތަކުން ވަނީ ބެނާތައް ހިފައިގެން އައިސް މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާގައި ގޮވާލާފައި ވަނީ މަހުޖަނުންގެ ނުފޫޒުން މަޖިލިސް އެއްކިބާ ކުރުމަށެވެ.

އެކަމަށް އިޝާރަތް ކުރައްވާ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ކޯލިޝަން ރޫޅުމުގެ ފުރަތަމަ ސިގްނަލް ކަމަށާއި އެ މުޒާހަރާއަކީ މީހަކު ވަރަށް ބަލައިގެން ރާވާފައިވާ މުޒާަހަރާއެއް ކަމަށެވެ. ހުރިހާ އެންމެންގެ ތާއީދާއެކު ކާމިޔަބު ވުމަށް ފަހު އިތުބާރު ގެއްލުވާލުން ހުއްޓުމަކަށް އަންނާނީ ކޮން ދުވަހަކުތޯ ޖަމީލު ސުވާލު އުފެއްދެވި އެވެ. އަދި ސިޔާސީ ކަމެއްގެ ކުރިމަތިލުމެއްގެ ފެށުންތޯ ވެސް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ކުރެއްވި ޓްވީޓު

އިއްޔެ ހިންގީ ގާތްގަނޑަކަށް 10 ވަރަކަށް ބޭފުޅުންނާއެކު އެބޭފުޅުން ކުރިއަށް ގެންދިޔައީ ހިމޭން އިހްތިޖާޖެކެވެ. އެއިހްތިޖާޖްގައި އެމީހުން ތިބީ ބޯޑްތަކަކާއި ފޮތިގަނޑުތަކެއް ހިފައިގެންނެވެ. ހަތަރު ލީޑަރުންގެ ކުރިމަތީ އެ ބޯޑްތަކާއި ފޮތިގަނޑު ހިފައިގެން ތިބުން ނޫން އިތުރުކަމެއް ކޮށްފައެއްނުވެ އެވެ.

ނޫސްވެރިންގެ ތެރޭގައި އެމީހުން ހިފައިގެން ތިބި ބޯޑްތަކުގައި ވަނީ، "މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރޭ" އާއި "މަހުޖަނުން ވަގަށް ނެގި ރަށްތައް އަތުލާ" އަދި "މާލީ ބަޔާން ހާމަނުކުރާ ފަރާތްތައް މަޖިލިހަށް ނުހޮވާ" މިގޮތަށް ލިޔެފަ އެވެ. މަޖިލިސް އިންތިހާބުގައި މަހުޖަނުންނަށާއި ވިޔަފާރިވެރިންނަށް ފުރުސަތު ނުދިނުމަށް ގޮވާލައި ޓްވިޓާގައިވެސް ދަނީ ދޭތެރެ ދޭތެރެއިން މީހުން ޝުއޫރު ފާޅު ކުރަމުންނެވެ.