ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ، އަދުރޭ، އެ ދާއިރާއަށް ކުރިމަތިލެއްވުމާމެދު ގޮތެއް ނުނިންމަނީ އެމްޑީޕީއިން ނުކުންނަ ކެންޑިޑޭޓްގެ ސަބަބުން ކަމަށް ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ. ސިރާޖު ވަނީ އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާފަ އެވެ.
ފޮނަދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ސިރާޖުގެ އިތުރުން ހަތަރު މީހަކު ވާދަކުރެ އެވެ. އަންނަ ޖެނުއަރީ މަހު ޕްރައިމަރީ އޮންނާނެ އެވެ.
"އަވަސް ހުކުރު"އަށް ދެއްވި އިންޓަވިއުއެއްގައި ފޮނަދޫ ދާއިރާއަށް އޭނާ ވާދަކުރުމާ މެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށާއި އެ ސުވާލަށް ޖަވާބު ދެއްވަން އުނދަގޫ ކަމަށެވެ. ޕާޓީއިން ނިންމި ނިންމުމާ އެއްގޮތަށް ފޮނަދޫ ދާއިރާގެ ޓިކެޓު އޮތީ އޭނާއަށް ލިބިފައި ކަމަށާއި ނަމަވެސް އެ ދާއިރާއަށް ކުރިމަތިލުމާ މެދު އިތުރަށް ވިސްނަން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެން މި ދެންނެވީ އަޅުގަނޑުގެ އުސޫލަކީ ރައްޔިތުންނާ ވާހަކަދައްކައިގެން މިކަން ކުރާނީ، އަޅުގަނޑު ނިކުންނަ ކަމަށްވަންޏާ އަޅުގަނޑު ނިކުންނާކަށް ހުރަހެއް ނެތް، އެއީ ޕްރައިމަރީއަކަށް ދާކަށް ނުޖެހޭނެ އަޅުގަނޑަށް ޓިކެޓު ދީފަ އެ އޮތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ސިރާޖު މިއަދު ވިދާޅުވީ، އަބްދުލްރަހީމް ފޮނަދޫ ދާއިރާއަށް ވާދަ ކުރުމާމެދު ގޮތެއް ނުނިންމަވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް އޭނާ އިންތިހާބަށް ނުކުމެދާނެތީ ކަމަށެވެ. އޭނާއާ ވާދަކުރަން އަބްދުލްރަހީމަށް ނުކެރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އަބްދުލްރަހީމް ވިދާޅުވެފައިވަނީ، އޭނާ އަންނަ އިންތިހާބުގައި ކުރިމަތިލުމާ މެދު ދާއިރާގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ހޯދުމަށް އޭނާ ދާއިރާގެ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށާއި ފޮނަދޫ ދާއިރާއަށް ނިކުންނަން ނިންމާ، ރަސްމީކޮށް އިއުލާން ކުރާނީ ތިން ވަނަ ދައުރަކަށް ނިކުތުމަށް ރައްޔިތުންނަނަށް ފެންނަންޏާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ފަހަރެގައި ބޭފުޅަކު ވިދާޅުވެދާނެ ކިހިނެތްހޭ [ތާއީދު އޮތްކަން] ކަން ހިނގެނީ، އެކަން ބެލޭނެ ގޮތްގޮތައް ހުންނާނެ އަޅުގަނޑަކީ ދާއިރާގެ ވަރުގަދަ ޓީމަކާ އެކު މަސައްކަތް ކުރާ މީހެއް، އެހެންވެ ޓީމުގެ ރޫހު ހުރި ގޮތެއް އަޅުގަނޑު ބަލަން ބޭނުން ވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ލ. އަތޮޅު ފޮނަދޫ އަދި މާމެންދު ހިމެނޭ އެ ދާއިރާއަށް މިދިޔަ 10 އަހަރުގެ ތެރޭގައި ހިންގާފައިވާ މަސައްކަތްތައް ބަލައިގަންނަ ރައްޔިތުން އެބަތިބި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ހެއްކަކީ ހަތަރު ލީޑަރުން އެކުވެ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރި ނަމަވެސް އެ ދާއިރާތަކުގެ މެޖޯރިޓީ އޮތީ ރައީސް އަބްދުﷲ ޔާމީންއަށް ނަގާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.