ދުނިޔެ

ޓްރަމްޕްގެ ބޮޑު ފާރާ ހެދި އެމެރިކާ ސަރުކާރު ހުއްޓުމަކަށް

Dec 22, 2018

ވޮޝިންގްޓަން (ޑިސެމްބަރު 21) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާއި އިމިގްރޭޝަން ސިޔާސަތުގެ ދަށުން މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި " ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުޓުމަކާއި ކުރިމަތިވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ފެޑެރަލް ސަރުކާރުގެ މުހިންމު މުއައްސަސާތަކެއް "ވަރަށް ގިނަ ދުވަހަށް" ހުއްޓިގެންދާނެ ކަމަށެވެ.

ފާރު ރޭނުމުގެ ބަޖެޓަށް ބޭނުންވާ އަދަދަށް ސެނެޓުގައި ވޯޓު ހަމަކުރުމަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ހުއްޓުމަކަށް އަންނާނެ އެވެ.

އެއާއެކު، ގައުމީ ސަލާމަތް ރައްކާތެރިކޮށް ކަށަވަރުކުރަން ކޮންމެހެން ބޭނުންވާ ވަރަށް މުވައްޒަފުންގެ އަދަދު މަދުކުރަން އެ ޑިޕާޓްމަންޓުތަކަށް މަޖުބޫރުވާނެ އެވެ.

މެކްސިކޯއާއި އެމެރިކާއާއި ދެމެދު، ހުރަސް ނުކުރެވޭ ފަދަ ފާރެއް ލުމުގެ މަސައްކަތް ކުރުމަށް އަމުރުކުރައްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މެކްސިކޯއާއި އެމެރިކާއާއި ދެމެދު 2000 މޭލުގެ ފާރެއް ލުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.