ހަބަރު

ދަރިވަރުންގެ ނާސްތާ ޕްރޮގްރާމަށް ހިޔާލު ހޯދަން ފޯރަމްއެއް ބާއްވަނީ

ދަރިވަރުންގެ ހެނދުނުގެ ނާސްތާގެ ޕައިލެެޓް ޕްރޮގްރާމަށް ހިޔާލު ހޯދަން އާންމުންނަށް ހުޅުވާލައިގެން ފޯރަމެއް ބާއްވަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސުކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމުގެ މައުލޫމާތު ދިނުމަށާއި، އާންމުންގެ ހިޔާލު ހޯދުމަށް ބެލެނެވެރިންނާއި، އާންމުންނަށް ހުޅުވަލައިގެން ފޯރަމްއެއް ބާއްވަން ނިންމާފައިވާ ކަމަަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެ ފޯރަމް ބާއްވަން ނިންމާފައިވަނީ މާދަމާ ރޭ 8:30 ގައި އަމީނިއްޔާ ސުކޫލުގަ އެވެ.

އެޑިއުކޭޝަން މިނިސްްޓްރީން ބުނެފައިވާ ގޮތުން ދިރާސީ އާ އަހަރާއެކު ފަށަނީ "ހެނދުނު ނާސްތާ" ޕްރޮގްރާމްގެ އެއް އަހަރު ދުވަހުގެ ޓެސްޓު ބުރެއްގެ ގޮތުގަ އެވެ.

އެއް އަހަރު ދުވަހަށް މި ޕްރޮގްރާމް ހިންގަން މިހާރު މިނިސްޓްރީ އިން ވަނީ 25 ސްކޫލެއް ނަގާފަ އެވެ. އެއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލް، މާލެއިން ތިން ސްކޫލަކާއި ވިލިމާލެއިން ސްކޫލެއް އަދި ހުޅުމާލެއިން އެއް ސްކޫލެވެ.

މުޅި ރާއްޖޭގައި މި ޕްރޮގްރާމް ފަށާނީ އެންމެ އަވަސް ވެގެން 2020 ވަނަ އަހަރު އެވެ.