އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލާން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނިންމަވައިފި އެވެ.
ޖަމީލް "އަވަސް" އަށް ވިދާޅުވީ، ސިޔާސީ މަސައްކަތުގައި އޭނާއަށް ކުރިޔަށް ވަޑައިގެންނެވޭނެ ތަނަކަށް މިހާރު އޮތީ މަޖިލިސް ކަމަށާއި، ސަރުކާރާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި، ރައްޔިިތުންނަށް ބޭނުންވާ ހައްގުތަށް ކަށަވަރު ކޮށް ދިނުމަށް މަސައްކަތް ކުރަން އެންމެ ރަނގަޅު ތަނަކީ މަޖިލިސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ ތަޖުރިބާއާއި، އަޅުގަނޑަށް އެކަމެއްގެ ފަންނު ލިބިފައި ހުރި ދާއިރާއަށް ބޮޑަށް ކޮންޓްރިބިއުޓް ކުރެވޭނީ މަޖިލިސް ތެރެއިން ކަމަށް ރާއްޖޭގެ ހާލަތު މިވަގުތު ހުރިގޮތުން ގަބޫލު ކުރެވެނީ. އެހެންވީމަ އެކަމަށް މިވަގުތު މަސައްކަތް މި ކުރަނީ." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ވިލިމާލެއަކީ ވަރަށް ގިނަ ކަންތައްތަކެއް ކުރެވެން އޮތް ދާއިރާއެއް ކަމަށާއި، މާލެއަށް އައިސްފައިވާ ތަރައްގީ ވިލިމާލެއަށް ގެންދިއުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޒަމާނީ ފެރީ ޓާމިނަލް އަކާއި، މުސްތަގުބަލުގައި ވިލިމާލެއާއި، މާލެ ބްރިޖަކުން ގުޅާލެވި، އަދި ވިލިމާލެ ތިލަފުއްޓާއި ބްރިޖަކުން ގުޅާލެވިއްޖެ ނަމަ މި ޒޯން ފުރިހަމަ ވެގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ވެވަޑަގެން އިންތިހާބު ކާމިޔާބު ކުރަން ޖަމީލް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެ އިންތިހާބު ކާމިޔާބުވެ ނައިބު ރައިސް ކަމުގެ މަގާމުގައި ހުންނަވަނިކޮށް، އޭނާ އެ މަގާމުން ދުރުކުރީ އެވެ.
އޭގެ ފަހުން ޖަމީލް ދިރިއުޅުއްވީ އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގައެވެ. އަދި އޭރު ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕްޒިޝަންގެ ލީޑަރުކަން ވެސް ކުރެއްވި އެވެ. ޖަމީލް އެނބުރި ރާއްޖެ ވަޑައިގަތީ ރައީސް ޔަމީން ރިޔާސީ އިންތިހާބުން ބަލިވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ.