ހަބަރު

ވައުދުތައް ފުއްދަން ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިންމެއް ނޫން: އަމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަށް ފުއްދުމަށް ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ވައުދުތައް ފުއްދަން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިންމު ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ރައީސް ނަޝީދު އެގޮތަށް ވިދާޅުވަމުން ގެންދަވާއިރު އަމީން މިއަދު ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ، ރައީސް ސޯލިހު ރައީސް ކަމުގެ މަގާމަށް ރައްޔިތުން ހޮވީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ކަމަށެވެ.

ރައީސް ސޯލިހުގެ ވައުދުތަށް ފުއްދަން މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮތުން މުހިންމު ކަމަށާއި، އެހެން ނަމަވެސް ވަކި ޕާޓީއެއްގެ މެޖޯރިޓީއެއް މުހިންމު ނޫން ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. އަދި ވަކި ޕާޓީއަކުން މެޖޯރިޓީއަށް ޑިމާންޑް ކުރުމަކީ ރައްޔިތުން އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކޮށްދިނުމަށްވުރެ ބޮޑު ވައުދެއް ރައީސް ސޯލިހު ނުވާ ކަމަށާއި، އެމަނިކުފާނު ހޮވުނީ މަޖިލިހުގައި އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮވެގެން އެސަބަބާއި ގުޅިގެން ނޫން ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. އަމީން އިތުރަށް ވިދާޅުވީ އެކަންކަން އެހެން ހުރުމާއެކު، ވައުދު ފުއްދަން ކޯލިޝަންގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ އިހުލާސްތެރިކަން ކަމަށެވެ.