ރައީސް އަބުދުﷲ ޔާމީންގެ ދިފާއުގައި ނިކުތް ޖުމްހޫރީޕާޓީގެ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އެޅުމަށް އެ ޕާޓީން ކުއްލި ކައުންސިލް ބައްދަލުވުމެއް މާދަމާރޭ ބާއްވަން ނިންމައިފި އެވެ.
"އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި މާދަމާ ރޭ ބާއްވާ ޖޭޕީގެ ކުއްލި ކައުންސިލް ބައްދަވުން ބާއްވަނީ ރައީސް އަބުދުﷲ ޔާމީންގެ އެކައުންޓަކަށް ވަދެފައިވާ ފައިސާތަކެއްގެ މައްސަަލާގައި އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި ވަގުތު އެމަނިކުފާނުގެ ދިފާއުގައި ނިކުތް ޖޭޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އެޅުމަށާއި، އެޕާޓީއާއި ގުޅުންހުރި އެެހެން ކަންތައްތަކެއް ނިންމުމަށެވެ.
ރައީސް އަބުދުﷲ ޔާމީން ފުލުހަށް ހާޒިރު ކުރި އިރު، އެމަނިކުފާނުގެ ދިފާއުގައި ނިކުތީ ޕީޕީއެމްގައި ތިއްބަވާފައި ދާދިފަހުން ޖުމްހޫރީޕާޓީއާއި ގުޅިވަޑައިގެންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި، ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮން މަނިކާއި، ރައީސް އަބުދުﷲ ޔާމީނާއި ގާތް ގުޅުމެއް އޮންނަ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
އެ މެމްބަރުންގެ ތެރެއިން ރިޔާޒު ރަޝީދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތް ނަމަވެސް، ރައީސް އަބުދުﷲ ޔާމީން ވަނީ ވިލުފުށީ ދާއިރާއަށް ރިޔާޒު ރަޝީދު ނިކުތުމަށް ތާއިދު ކުރައްވާކަން މީޑިއާގައި ހާމަ ކުރައްވާފައެވެ. އޭގެ އިތުރުން މަޖިލިސް އިންތިހާބުގައި ޕީޕީއެމް އިން އެ ދާއިރާއަށް ކެނޑިޑޭޓަކު ނުނެރުމަށްވެސް ވަނީ ނިންމާފަ އެވެ.
ޖޭޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް ރައީސް ޔާމީންގެ ދިފާއުގައި ނިކުތުމުން ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ވަނީ ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއް އުފެދިފަ އެވެ. އެއާއެކު ޖުމްހޫރީޕާޓީގެ ބައެއް ކައުންސިލް މެމްބަރުން އަންނަނީ އެ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށް އެ ޕާޓީއަށް ބާރު އަޅަމުންނެވެ.