ދުނިޔެ

އެމެރިކާ ސަރުކާރު ހުއްޓިފައި އޮތް އޮތުން ދިގުލާފާނެކަމުގެ ބިރު

Dec 23, 2018

ވޮޝިންގްޓަން (ޑިސެމްބަރު 22) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ހޯދުމުގައި އުފެދިފައިވާ ހިޔާލުތަފާތުންތަކަށް ހައްލެއް ނުލިބި، ސަރުކާރު ހުއްޓިފައިއޮތް އޮތުން ދިގުދެމިގެންދާނެކަމުގެ ބިރުހީވެއްޖެ އެވެ.

ބަޖެޓު ފާސްކުރުމަށް ސެނެޓުގައި އިއްޔެ ކުރިއަށް ދިޔަ ޖަލްސާގައިވެސް ވަނީ އެ މައްސަލައަށް ހައްލެއް ނުލިބި ނިންމާލައިފަ އެވެ. އެކަމާއި ގުޅިގެން، އެމެރިކާގެ ފެޑެރަލް ސަރުކާރުގެ މުހިންމު މުއައްސަސާތަކެއް "ވަރަށް ގިނަ ދުވަހަށް" ހުއްޓިގެންދާނެ ކަމަށް، ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ.

ބޮޑު ފާރަށް ބޭނުންވާ ފައިސާ ނުހިމަނައި، ދެ ފަރާތުގެ ސެނެޓުގެ މެމްބަރުން ހުށަހެޅި ވަގުތީ ބަޖެޓު ޓްރަމްޕް ވަނީ ބަލައިގަންނަވަން ދެކޮޅު ހައްދަވައިފަ އެވެ.

ގޮތް ދޫނުކޮށް ކަންކަން ކުރަން ސަރުކާރުން ބޭނުންވާކަމަށް އިދިކޮޅު ޑިމޮކްރެޓުން ތުހުމަތު ކުރާއިރު، ދެން ސެނެޓުގެ ބައްދަލުވުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް، އެ ޖަލްސާގައި ވެސް އެއްބަސްވުމަކަށް އާދެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ވަނީ ހުކުރު ދުވަހުން ފެށިގެން ހުއްޓުމަކަށް އައިސްފަ އެވެ.

އެއާއެކު، ގައުމީ ސަލާމަތް ރައްކާތެރިކޮށް ކަށަވަރުކުރަން ކޮންމެހެން ބޭނުންވާ ވަރަށް މުވައްޒަފުންގެ އަދަދު މަދުކުރަން އެ ޑިޕާޓްމަންޓުތަކަށް ވަނީ މަޖުބޫރުވެފަ އެވެ.

މެކްސިކޯއާއި އެމެރިކާއާއި ދެމެދު، ހުރަސް ނުކުރެވޭ ފަދަ ފާރެއް ލުމުގެ މަސައްކަތް ކުރުމަށް އަމުރުކުރައްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މެކްސިކޯއާއި އެމެރިކާއާއި ދެމެދު 2000 މޭލުގެ ފާރެއް ލުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.