ދިވެހި ސިނަމާ

2019: ދިވެހި ސިނަމާއަށް ބޮޑު އަހަރެއް!

އަހަރު ނިމެން ދާއިރު، ދިވެހި ސިނަމާ މި އަހަރު ދިޔައީ ވަރަށް ފަޅުކޮށެވެ. މުޅި އަހަރު ތެރޭގައި ޖުމްލަ ފަސް ފިލްމު އެޅުވުނުއިރު، އަހަރުގެ މެދު ތެރޭ ސިނަމާ އޮތީ މުޅިން ހުހަށެވެ. މީގެ އިތުރުން، ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު އޮލިމްޕަހުގައި ގިނައިން އެޅުވީ މީގެ ކުރިން އެތައް ފަހަރަކު އަޅުވާފައިވާ ކުރީގެ ފިލްމުތަކެވެ. އާ ފިލްމެއް ބެލުންތެރިންނަށް ނުފެނުނު އިރު، އަހަރުގެ ކުރީކޮޅު ނެރުނު ފިލްމުތަކަށް ވެސް މާބޮޑު ތަރުހީބެއް ނުލިބުނެވެ.

މިހެން ދިޔަ ނަމަވެސް މި އަހަރު އަޅުވަން ވެސް އެތައް ފިލްމެއް ތާވަލު ކުރި އެވެ. މި އަހަރަކީ ރާއްޖޭގެ ސިޔާސީ ހާލަތު ހަލަބޮލި އަހަރަކަށްވެފައި، ބެލުންތެރިން ވެސް ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައިކަމުން މުނިފޫހިފިލުވުމުގެ ދާއިރާއަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެކަން ފިލްމު އުފައްދާ ފަރާތްތަކަށް ވެސް އެނގެ އެވެ. ބޮޑު ހަރަދުކޮށްގެން އަޅުވާ ފިލްމުތައް ބަލާނެ ބަޔަކު ނުވެ ޝޯތައް ކެންސަލް ކުރަން ޖެހިދާނެ ކަމުގެ ބިރަށް މި އަހަރަށް ތާވަލު ކުރި ފިލްމުތައް، އަންނަ އަހަރަށް ފަސްކުރީ ރިސްކެއް ނުނަގަން ވެގެން ކަމަށް ބައެއް ޕްރޮޑިއުސަރުން ވަނީ ބުނެފަ އެވެ.

އަންނަ އަހަރުގެ ކުރީ ކޮޅު ރިލީޒްކުރާ ފިލްމުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ މަގުބޫލުތަރިން ހިމެނޭ ގިނަ ފިލްމުތައް ހުރީ ރިލީޒް ޑޭޓް މިހާރު ފައިނަލް ކޮށްފަ އެވެ.

ނިވައިރޯޅި: ޖެނުއަރީ ތިނެއްގައި

ދިވެހި ސިނަމާގެ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މި އަހަރުގެ އޮކްޓޯބަރު 15 އިގަ އެވެ. ފިލްމު ރިލީޒް ކުރުން ލަސް ކުރަން ޖެހުނީ ނިއުމާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި، ޑަބިން އަށް މަސައްކަތް ނުކުރެވުމުން ކަމަށް ނިއުމާ ވަނީ ބުނެފަ އެވެ. "ނިވައިރޯޅި" އަކީ "ހެޕީ ބާތުޑޭ" އާއި "ލޫދިފާ" ގެނެސްދިން މޫމިން ފުއާދުގެ ޑައިރެކްޝަނަކަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދޫ އާއި މާލޭގައި އެވެ.

ގޮށްރާޅު: ފެބްރުއަރީ ހަތަރެއްގައި

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކްރައިމް ތްރިލާ، "ގޮށްރާޅު" ރިލީޒް ކުރާނެ ތާރީހު ލަސް ކުރީ ރާއްޖޭގެ ސިޔާސީ މަޝްރަހު އެ ދުވަސްވަރު މާ ބޮޑަށް ވެސް ހަލަބޮލި ވެގެނެވެ. އެކަމަކު މޮގާ ދޭ އުއްމީދަކީ، ފެބުރުއަރީ ހަތަރަކަށް ވުރެ ފިލްމް ލަސް ނުވާނެ ކަމެވެ. "ގޮށްރާޅު" ގެ ލީޑު ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާ މި ފިލްމުގައި މުހިންމު ރޯލުތަކުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެންނާނެ އެވެ.

40 ޕްލަސް: ފެބްރުއަރީ 27 ގައި

އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް، ފިލްމީ ތަރި ޔޫސުފް ޝަފީއު ޑައިރެކްޓް ކޮށްފައިވާ ފިލްމު "40 ޕްލަސް" އަކީ "ނޯޓީ ފޯޓީ" ގެ ސީކުއެލް އެކެވެ. ބިރުވެރި އެހެން ނަމަވެސް މަޖާ މަންޒަރުތަކެއް ޓްރެއިލާއިން ފެނުނު މި ފިލްމަކީ ރާއްޖޭގައި މިކަހަލަ ޖޯންރާއަކަށް އުފެއްދި ފުރަތަމަ ފިލްމެވެ. ޖުމްލަ 25 ތަރިންގެ ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުން މުޅިން އަލަށް ފިލްމީ ދާއިރާއަށް ހަތަރު މޫނެއް ތައާރަފްކުރާނެ އެވެ.

މާމުއި: ޖުލައި އެކެއްގައި

ހެއްވާ މަޖާ ޖޯންރާ އަކަށް ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފިލްމު "މާމުއި" އަކީ ބޮޑު ކާސްޓަކާއެކު މިހާތަނަށް ނެރޭ އެންމެ އަގު ބޮޑު ފިލްމެވެ. "މާމުއި" ގެ ޝޫޓިން ނިމި އޭޕްރީލް އެކެއްގައި ފިލްމު އަޅުވަން މީގެ ކުރިން ޕްރޮމޯޓް ކުރިއަސް، ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފަރާތުން ފިލްމު ރިލީޒް ކުރާނެ ތާރީހު ޖުލައި މަހަށް ފަސް ކުރީ ގިނަ ދުވަހުގެ މުއްދަތަށް އޮލިމްޕަސް ނުލިބޭތީ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މޮގާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.

މި ފިލްމުތަކުގެ އިތުރުން އެހެން ފިލްމުތަކެއް ވެސް ވަނީ ތާވަލު ކޮށްފަ އެވެ. ރިލީޒް ޑޭޓް ފައިނަލް ނުވާ ފިލްމުތަކުގެ ތެރޭގައި މަރިޔަމް އައްޒަ ފެނިގެންދާ ތިން ފިލްމެއް ވެސް ހިމެނެ އެވެ. އެއީ، ޔޫއްޕެގެ ފިލްމު "ދައުވަތު" އާއި އަބްދުﷲ މުއާޒްގެ ފިލްމު "ލީނާ" އަދި ނަހޫގެ "ބޮސް" އެވެ. މީގެ އިތުރުން، ރިލީޒް ޑޭޓް ފައިނަލް ނުވާ ފިލްމުތަކުގެ ތެރޭގައި، ފިލްމު "އުދަބާނި" ގެނެސްދިން އަމްޖޭގެ "ގިލަން" އަދި އަހުމަދު ޝަރީފުގެ "ބާކީވެފާ" އާއި އަހުމަދު ޝާޒްގެ "މަރިޔަމް މާ" ހިމެނެ އެވެ.

މީގެ އިތުރުން ވެސް އިއުލާން ކޮށްފައި މަސައްކަތް ނުފެށި ހުރި ފިލްމުތަކެއް މި ލިސްޓުގައި ހިމެނެ އެވެ. އަންނަ އަހަރުގެ ކުރީކޮޅަށް ފުލުފުލުގައި ފިލްމުތައް ތާވަލު ކުރެވިފައިވާއިރު، ރިލީޒް ޑޭޓް ފައިނަލް ނުކޮށް ހުރި ފިލްމުތައް އަންނަ އަހަރު ފެންނާނެ ކަމާމެދު ޝައްކެވެ.