ނިއުމާ މުހައްމަދު

ވިޓިލިގޯ ދުވަސް: ތަފާތު ވިޔަސް ރީތި!

"ތަފާތު ކޮން ހުރުމަކީ ހުތުރު ވުމެއް ނޫން! އެމީހަކު ހުންނަ ގޮތެއްދެކެ ލޯބިވާން ދަަސްކުރޭ!" ފިލްމީ ތަރި ނިއުމާ މުހައްމަދު، މިހެން ބުނެލަ އެވެ.

މިއަދަކީ ދުނިޔޭގެ ވިިޓިލިގޯ ދުވަހެވެ. ވިޓިލިގޯ އަކީ ހަމުން "މެލަނިން" ކިޔާ މާއްދާއެއް މަދުވުމުން ޖެހޭ ދާއިމީ ބައްޔެކެވެ. އަހަރުމެންގެ ތެރޭގައި ވެސް ވިޓިލިގޯއާއެކު އުޅޭ އެތައް ބަޔަކު އެބަ ތިއްބެވެ. އެމީހުންނަކީ މުޖުތަމައުގައި އަދިވެސް އެތައް ބަޔެއްގެ ބަދު ބަސްތައް ރައްދުވާ ބަޔެކެވެ. އެމީހުންނަށް ކޮންމެ ދުވަހަކުހެން ކުރިމަތިވާ އުނދަގޫތަކާއި، "ބެލުންތައް" މާޔޫސް ވުމެއްގެ ގޮތުގައި ހިތުގައި ހަރުލާފައި ހުރެ އެވެ. ބަލާލާފައި މީހުން ބުނެލާ އެއްޗެހިން އަސަރު ކުރެ އެވެ.

"ހުދު ބަލި" ޖެހިފައިި ތިބޭ މި މީހުން ގިނަވި ކަމުގައި ވިޔަސް އެކަމަށް އޮންނަ ހޭލުންތެރިކަން އިތުރެއް ނުވެ އެވެ. އަދިވެސް މިއީ ހަމަ ގައިން ގަޔަށް އަރާ ބިރުވެރި ބައްޔެއް ކަމުގައި ދެކޭ ބަޔަކު ވެސް އުޅެ އެވެ.

ހުދު ބައްޔާ ހެދި އެތައް ބަޔެއްގެ ނުރުހުމުގެ ބެލުންތައް ދިވެހި ފިލްމީ ތަރި ނިއުމާ މުހައްމަދަށް ވެސް ކުރިމަތިވި އެވެ. އޭނާއަކީ އެންމެން ދަންނަ މީހެކެވެ. ރާއްޖޭގައި އުފެދުނު ފިލްމީ ތަރިންގެ ތެރެއިން ޒުވާން އުމުރުގައި ގިނަ ބަޔެއްގެ ލޯބި ހޯދި ތަރިއެކެވެ. ޑައިރެކްޓަރެއް އަދި ވަރަށް ކުޅަދާނަ އެކްޓަރެކެވެ. މިހާރު އޭނާގެ ހަށިގަނޑުގައި ހުރި ހުދު ލައްތަކަކީ އޭނާގެ ހަޔާތަށް އައީ ޗެލެންޖެކެވެ. ނިއުމާ ދެކެނީ ވެސް އެގޮަށެވެ.

"އެންމެ ފުރަތަމަ ވިޓިލިގޯގެ ލައްތައް ގައިން ފެނުމުން ބިރުގަތް... އަހަރެންނަށް އާމްދަނީ ލިބެން އޮތް ހަމަ އެކަނި ގޮތް، އަހަރެންގެ ކެރިއާ ހުއްޓުމަކަށް އަންނާނެ ކަމުގެ ބިރު ހީވެ ރޮވުނު. ހަށިގަނޑަށް އައި ބަދަލުތަކާ އެއްވަރަށް އަހަރެންނަށް ކުރިމަތިވީ މީހުން ފަރާތުން އެއްޗެތި ކިޔުން. އެ ކަންކަން އަހަރެން ބެލީ ޗެލެންޖެއް ގޮޮތަށް. އަހަރެންގެ ހަށިގަނޑަށް އައި ބަދަލުތައް ބަލަައިގަނެ، އަމިއްލަ ހަށިގަނޑު ދެކެ ލޯބިވާން ދަސްކުރީ. އިތުރަށް ކޮންފިޑެންޓް ވީ. ހިތްވަރު އެލުވާ ނުލާ ކުރިއަށް ދެވުނީތީ މާތްﷲ އަަށް ކޮންމެ ދުވަހަކު ވެސް ޝުކުރު އަދާ ކުރަން" މިއަދު ފާހަގަ ކުރާ ވިޓިލިގޯ ދުވަހާ ގުޅުވައި ނިއުމާ ފޭސްބުކްގަ ލިޔުނެވެ.

އިންކް ބޯއީ

ނިއުމާގެ ފިލްމީ ހަޔާތަށް މި ލައްތަކުން އަސަރެއް ނުކުރާ ކަން ނިއުމާ ސާބިތު ކޮށްދިނެވެ. ފިލްމު ކުޅުމާ ދުރުވި ކަމުގައި ވިޔަސް އެ ލައްތަކާއެކު ވެސް ފިލްމު ސްކްރީން ކުރިމަތިން އޭނަ ދުވަސްކޮޅަކަށް ފެނުނެވެ. މިއަދު ނިއުމާ ދިނީ މި ބަލީގައި އުޅޭ އެހެން މީހުންނަށް ވެސް މެސެޖެކެވެ. ތަފާތުކޮށް ހުރުމަކީ ހުތުރު ވުމެއް ނޫނެވެ. އެމީހަކު ހުންނަ ގޮތެއް ދެކެ ލޯބިވާން ދަސް ކުރާށެވެ.