ނިއުމާ މުހައްމަދު

ތިން ޕްރޮޖެކްޓަކާއެކު ނިއުމާގެ ރިހިޔޫބީލް ފާހަގަކޮށްފި

ރާއްޖޭގެ ފިލްމީ ދާއިރާއިން ފެނުނު އެންމެ ކުޅަދާނަ ތަރިންގެ ތެރޭގައި ހިމެނޭ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަ ކުރަން ޚާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

"ސެލެބްރޭޓިން 25" މި ނަމުގައި ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ހަފުލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި ނިއުމާގެ ރަހުމަތްތެރިން ވެސް ބައިވެރިވި މި ހަފުލާގައި ޚާއްސަ ކަންތައްތަކެއް ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން ނިއުމާގެ އަމިއްލަ ޕްރަޑަކްޝަން ހައުސް ނިއުޒޯ ޕްރޮޑަކްޝަންގެ ފަރާތުން އައު ފިލްމެއް ބެލުންތެރިންނަށް ގެންދޭނެ ކަން ވަނީ އިއުލާނުކޮށްފަ އެވެ.

"ކަޅަކި" މިނަމުގައި ގެނެސްދޭ ފިލްމުގެ ޓީޒާ ވެސް ރޭ ވަނީ ދައްކާލާފަ އެވެ.

"ގޯނާ" ގެ ނަމުގައި ވެސް އެ ސްޓޫޑިއޯއިން ފިލްމެއް ގެނެސްދޭން ނިންމާފައިވާކަން ވަނީ އިއުލާނު ކޮށްފަ އެވެ. އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު ޑައިރެކެޓްކުރާ މި ފިލްމު ޓީޒާވެސް ރޭ ހަފްލާގައި ވަނީ ދައްކާލާފަ އެވެ.

މީގެ އިތުރުން ނިއުމާ ހުށައަޅައިދޭ ޚާއްސަ ޝޯއެއް ވެސް ވަރަށް އަވަހަށް ގެނެސްދޭން ފަށާނެ ކަން އޭނާ ވަނީ އިއުލާނު ކޮށްފަ އެވެ.

"ރީލް ޓު ރިއަލް ވިތު ނިއުމާ" މިނަމުގައި ފަށާ ޝޯ ގެނެސްދޭނީ ބައިސްކޯފުންނެވެ. އާންމުންގެ މެދުގައި މަގުބޫލް މީހުންގެ ހަޔާތުގެ ހިތްދަތި ވާހަކަތަކަށް ޚާއްސަކޮށްގެން ގެނެސްދޭ މި ޝޯތައް ވަރަށް އަވަހަށް ފެށުމަށް ވަނީ ނިންމާފަ އެވެ.

ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވާފައިވާއިރު، ނިއުމާ ވަނީ އޭނާ އެކްޓްކޮށްފައިވާ އެންމެ ފަހު ފިލްމު މިއަހަރު ކުރީކޮޅު ރިލީޒް ކޮށްފަ އެވެ. "ނިވައިރޯޅި" މި ނަމުގައި ގެނެސްދިން ފިލްމަކީ އެކްޓްކުރުން ހުއްޓާލުމުގެ ގޮތުން ބެލުންތެރިންނަށް އޭނާ ގެނެސްދިން ޚާއްސަ ހަދިޔާ އެކެވެ.

ނިއުމާއަކީ ވޭތިވެދިޔަ 25 އަހަރުތެރޭގައި ވެސް ބެލުންތެރިންގެ އެންމެ މަގުބޫލް އެކްޓްރެސްއިންގެ ތެރޭގައި ހިމެނުނު ތަރިއެވެ.