ފިނިޕޭޖް

ނިއުމާ ސިނަމާ ދޫކޮށްލީ ތަހުތުގައި އިނދެ!

އޭރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ؛ އިންނަނީ ޓެކްސީ ސެންޓަރެއްގަ އެވެ. ހަތްމަސް ފަހުން ޓީވީއެމްގެ ޕްރޮޑިއުސަރު މަރިޔަމް ޝައުގީ ގޮސް އޭނާގެ އަތުގައި ހިފައި ދިވެހި ސިނަމާއަށް ވެއްދީ އެވެ. "ފަތިސްހަނދުވަރު" "ޒަލްޒަލާ" އަކަށް ބަދަލުވެ "ހަނދުކޭތަ" ވެސް ހިފީއެވެ. "ކަލާޔާނުލާ" އިން ވަކި ނުވެވި މިހަށިން ފުރާނަ ވެސް ދޫކޮށްލީ އެވެ. ފިލްމަކަށް ފަހު ފިލްމެއް ކުޅެމުން ގޮސް އޭނާގެ ނަން ދިވެހި ސިނަމާގައި ގުގުމާލި އެވެ. ފިލްމުތަކުގައި އޭނާ ރޮންޏާ ބެލުންތެރިން ވެސް އޭނާއާ އެއްވަރަށް، އެއް ރާގަކަށް ރޯނެ އެވެ. އޭނާގެ ޖާދޫގައި ބެލުންތެރިން ޖައްސަމުން ގޮސް، 24 އަހަރު ފަހުން ނިއުމާ މުހައްމަދު ދިވެހި ސިނަމާއިން ވަކިވެގެން އެ ދަނީ ސިނަމާގެ ތަހުތުގައި އިނދެ އެވެ. ރާނީއެއްގެ ގޮތުގަ އެވެ.

އާ އަހަރާއެކު ބަތަލާ ނިއުމާގެ ވަދާއީ ލަވަ "ސިހުރުފަދަވި ކަމަނާ" ރިލީޒްކޮށްފި އެވެ. ތަފާތު 10 ގޮތަކަށް ފެނިގެންދާ މި ލަވައިގައި ނިއުމާ ވަރަށް ތަފާތެވެ. މީގެ އަހަރުތަކެއް ކުރިން ފެނުނު ލަވަތަކުގައި އޭނާ ޖެއްސި ބަނޑިތައް މިއަދު ޖައްސާލުމަކީ މާ ބޮޑު ކަމެއް ނޫންކަން މި ލަވަ ބަލާލުމުން ބެލުންތެރިންނަށް ހާމަވާނެ އެވެ. މިއީ އަންނަ ބުރާސްފަތީގައި ރިލީޒް ކުރާ ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޕްރޮމޯޝަނަށް އުފައްދާފައިވާ ލަވައެކެވެ.

މިއީ ނިއުމާގެ ފިލްމީ ހަޔާތަށް ނިމުން ގެނެސް އޭނާ ސްކްރީނުން ނިވާވެލާ އެންމެ ފަހު ލަވަ ކަމުގައި ވިޔަސް މި ލަވަ ނެގުމުގައި ވެސް އެހާ އުނދަގޫތަކެއް ކުރިމަތި ނުވާ ކަމަށް ނިއުމާ ބުންޏެވެ. އަދި މިއީ އޭނާ ކުޅޭނެ އެންމެ ފަހު ލަވަ ކަން އެނގުނީ ވެސް ލަވަ ޝޫޓު ކުރުމުގެ ތެރޭގައި ކަމަށް ބުންޏެވެ.

" ލަވަ ޝޫޓު ކުރުމުގެ ކުރިން ހިތަށް ވެސް ނާރަ މިއީ ދެން ނިއުމާ ކުޅޭނެ އެންމެ ފަހު ލަވަކަން. އިމޯޝަނަލް އެއްވެސް ނުވޭ. ޝޫޓު ކުރުމުގެ ތެރޭގައި ރިއަލައިޒްވީ މި ކުޅެނީ އެންމެ ފަހު ލަވަކަން. ލަވަ އެއް ވީމަ އެއްވެސް ކަހަލަ އުނދަގުލެއް ނުވޭ. ވަރަށް ފަސޭހެ،"

ރިޝްމީ އާއި ރަވީގެ ހިޔާލަކަށް ބިނާކޮށް އުފައްދާފައިވާ މި ލަވަ ކިޔައި ދީފައިވަނީ މީރާ މުހައްމަދު މާޖިދު އެވެ. ލަވައިގެ ސިނަމެޓޯގްރަފީއަށް ތައުރީފުތައް ލިބެމުން އަންނަ އިރު މިއީ އިބްރާހިމް ވިޝާން (ކަނޑި) ގެ މަސައްކަތެކެވެ. މިއުޒިކް ތައްޔާރުކުރީ ހުސެއިން ސޮބާހު އަދި ލިރިކްސް ލިޔުނީ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އެވެ.

މި ލަވައިގެ ރާގަށް ބެލުްނތެރިން ފާޑު ކިޔަމުން ދިޔަޔަސް މި ކަމަށް ނިއުމާގެ މާ ބޮޑު ފަރުވާލެއް ނެތެވެ.

"ކުރިއަކުން ނޭނގޭ ކޮޕީ ރާގެއް ކަމެއް. އެކަން އެނގުނީމަވެސް އަޅައެއް ނުލަން، އެއީ މި ލަވަ އުފެއްދީ ދިވެހިންނަށް. ދިވެހިންނަށް ވެސް ރީތިވޭ ބޮލީވުޑްގެ ލަވަތައް އަދި މި ލަަވައިގެ އަސްލު ލަވައަކީ އަހަންނަށް ވެސް ވަރަށް ރީތި ލަވައެއް،" އޭނާ ބުންޏެވެ.

ނިއުޒޯ ޕްރޮޑަކްޝަންސް އިން އުފެއްދި މި ލަވަ އަކީ ކެމެރާގެ ކުރިމަތިން ނިއުމާ ފެންނާނެ އެންމެ ފަހު ލަވަ އެވެ. އެހެން ނަމަވެސް، މި ދާއިރާގައި ކެމެރާގެ ފަހަތުން ފެންނާނެ ކަމަށް ނިއުމާ ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.