ލައިފްސްޓައިލް

ސްމާޓް ފޯނު: ރޯދަމަހު ވެސް މިއަށް ވުރެ ބޮޑު ބައިވެރިއެއް ނެތް

Jun 23, 2015

ފޯނު މި ވަނީ އެއާ ނުލައި މިއަދު އެކަކަށް ވެސް ނޫޅެވޭ ވަރަށް ސްމާޓްވެފަ އެވެ. އެހެންވީމަ ހަޔާތުގެ ދަތުރުގައި ސްމާޓް މީހަކަށް ވުމަށް އެދޭ ކޮންމެ މީހެއްގެ އަތުގައިވެސް މިއަދު ސްމާޓް ފޯނެއް އޮވެ އެވެ.

މިހެން ބުންޏަސް، "ބައްތި ފޯނަށް" ހިތްޖެހިފައިވާ މީހުން އެއްގޮތަކަށް ވެސް މި ވާހަކަ ހިތުގައި ނުޖަހައްޗެވެ.

ކޮންމެއަކަސް ސްމާޓްފޯނާއި ދިވެހިންނާ ދެމެދު ހިތާއި ހިތުގެ ގުޅުމެއް ފައްކާވެފައިވާއިރު ރޯދަ މަހު ވެސް މި ސްމާޓް ފޯނާއި ދިވެހިންނާ ދެމެދު އޮންނަ ގުޅުން އާ އުސްމިނަކަށް އަރައިގެންދެ އެވެ. މީގެ ސްމާޓްފޯނެއް އަތުގައި ނެތް ޒަމާނުގައި އައި ރޯދަ މަސްތަކުގައި ދިވެހިންގެ އަތުގައި އެންމެ މަގްބޫލު އާލާތަކީ "ގޭމް ބޯއި" އަކާއި އެ ނޫން އެހެން ކޮންމެވެސް ގޭމުކުޅޭ އާލާތެކެވެ.

އެ ޒަމާނަށް އިރުއޮއްސި ސްމާޓް ޒަމާނަކަށް އިރުއަރާފައިވާއިރު މީގެ ޖާދޫގައި ނުވަތަ އަވާގައި ނުޖެހޭ ދިވެއްސެއް ހުރެދާނެ ކަމަށް ބުނުމަކީ ރޯދަ މަހެއްގައި ހެދޭނެ ދޮގަކަށް ނޫނީ ނުވާނެ އެވެ. އެހެންވީމަ ސްމާޓް ފޯނަށް ދިވެހިން ދެވިހިފާފައިވާ ގޮތުގެ ލިސްޓެއް ތަރުތީބުކުރާއިރު އެންމެ ރަނގަޅުވާނީ ރޯދަ މަހާ ގުޅުވައިގެން މި ލިސްޓެއް ފެށިއްޔާ އެވެ.

މިއީ ސްމާޓް ފޯނާ އެކު ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ވަރަށް ބޮޑު ބަދަލެކެވެ. ރޯދަ މަސްތަކުގައި މިހާރު އެންމެ ގިނަ ބަޔަކު އެމީހުންގެ ސްމާޓް ފޯނުތަކުގެ ބޭނުން ހިފަނީ ވެސް ގުރުއާން ކިޔަވައި ހެޔޮދުއާކުރުމުގައި ކަމަށް ބުނެވިދާނެ އެވެ.

މި ފޯނުތަކަށް ފައްކާކޮށްފައިވާ ގުރުއާނުގެ ފާޑުފާޑުގެ އެޕްތައް އާންމުންގެ މެދުގައި މަގްބޫލުވުމުގެ ކުރިން ޑިޖިޓަލް ގުރުއާނެއްގެ މަގްބޫލުކަން ވެސް ދިވެހިންގެ ތެރޭގައި ބޮޑުވެގެން ދިޔަކަން ފާހަގަކޮށްލެވެ އެވެ. އެކަމަކު ޔަގީނަށް ވެސް ގަވާއިދުން ގުރުއާން ކިޔަވާ މީހުންނާއި މި ރޯދަ މަހު ހަތިމުކުރަން ހިފާފައިވާ މީހުންގެ އެންމެ މަގްބޫލު އާލާތަކީ "ސްމާޓް ގުރުއާނެވެ." ނުވަތަ ސްމާޓް ފޯނުތައް މެދުވެރިކޮށް ގަނޑު އެއްލައި ކިޔެވޭ ގޮތަށް ފައްކާކޮށްފައިވާ އެޕްލިކޭޝަންތަކެވެ.

މިސްކިތްތަކުން ވެސް ފެންނަ މަންޒަރަކީ މިއީ އެވެ. ޒަމާނުއްސުރެ ގުރުއާން ކިޔެވުމަށް ބޭނުންކުރަމުން އައި ޚަތިމުތައް ހުޅުވާލައިގެން ކިޔަވަން ތިބޭ މީހުން ފެންނަ މިންވަރު މިހާރު މަދެވެ. އިތުރުވަމުން ދަނީ ފޯނަށް ގުރުއާނުގެ އެޕްލިކޭޝަނެއް އަޅައިގެން ފޯނުން ގުރުއާން ކިޔަވަން ތިބޭ މީހުންނެވެ.

މިގޮތަށް ބަދަލުވުމުން އެތައް ފަސޭހަތަކެއް އޭގައި ހިމެނޭތީކަން ޔަގީނެވެ. އެންމެ ބޮޑު ފަސޭހައަކީ އަބަދުވެސް ސްމާޓް ފޯނާ އެކު "ހަތިމު" ހިފައިގެން އުޅެލެވޭތީ އެވެ.

މި ރޯދަ މަހު ދިވެހިން ދެން އެންމެ ގިނައިން އެމީހުންގެ ސްމާޓް ފޯނުތަކުގެ ބޭނުން ހިފާ ކަމަކަށް މަޝްހޫރުވެފައި މި އޮތީ ޔަގީނަށް ވެސް މުޅި ސޯޝަލް މީޑިއާ ބަންޑުންކޮށްލައިގެން ބޮލަށް އެނބުރުންތައް އަރުވަމުން އަންނަ މި ކުޅިގަނޑެވެ. ޑަބްސްމޭޝްއެކޭ ކިޔުނު އެޕްލިކޭޝަނެއް ދިވެހިންގެ ފޯނުތަކަށް ވެސް ވަން ފަހުން މި އެޕްލިކޭޝަނެއް ވެފައި ވަނީ ޔަގީނަށް ވެސް ފެވަރިޓަކަށެވެ.

ހަގީގަތުގައި މޯބައިލް ފޯނުން ގުރުއާން ކިޔެވުމަށް ވުރެ ވެސް ވައިގައި ހިފައި ފޯރިއަރަމުން ޓްރެންޑް ވަމުން ދަނީ މި ކުޅިގަނޑެވެ.

 

ޑަބްސްމޭޝްގެ މަގްބޫލުކަން ބޮޑުވެފައި ވަނީ ޒުވާނުންގެ މެދުގަ އެވެ. ޔަގީނަށް ވެސް މި ރޯދަ މަސް ވެގެންދާނީ މިއަދުގެ ޒުވާނުން މުސްކުޅިވެގެން އެމީހުންގެ ދަރިންނާއި ކާފަ ދަރިންނަށް މި ރޯދަ މަހެއްގެ އާދަޔާހިލާފުކަމާއި ފޯރީގެ ވާހަކަ ކިޔައިދޭނެ ރޯދަ މަހަކަށެވެ. އެއްގޮތަކަށް ވެސް ރޯދަ މަހު ހިފި ރޯދަ އާއި ލިބިގަތް ސަވާބާއި ދަރުމައަކާ ބެހޭ ގޮތަކުންނެއް ނޫނެވެ.

ޑަބްސްމޭޝް ޖައްސައިގެން ނެގި ފޯރީގެ ވާހަކައިންނެވެ.

ރޯދަ ވީއްލަން ތައްޔާރުކޮށްފައި ހުންނަ ސުފުރާއާ އެކު ސެލްފީ ނަގައި ޓްވީޓްކޮށް އިންސްޓަގްރާމްކުރާ މީހުން މިދިޔަ އަހަރަށް ވުރެ މިފަހަރު މަދުވެދާނެ އެވެ. ކާބޯތަކެއްޗާ އެކު ސެލްފީ ނެގުން ނުވަތަ ކާބޯތަކެތީގެ ފޮޓޯ ނަގައި އިންސްޓަގްރާމްކުރުމުގެ ޓްރެންޑް މި ރޯދަ މަހަށް މާ ބާވެފައި އޮތީމަ ކަމަށް ބެލެވެ އެވެ.

ނަމަވެސް މިއީ ވެސް މި ރޯދަ މަހު ސްމާޓް ފޯނުން ފޫހިފިލުވާ މީހުންގެ ގަދަ ދިހައަކުން ކަޓައިގެންދާ ވަރުގެ ކަމެއް ނޫނެވެ. ހާއްސަކޮށް ސެލްފީ ނެގުމުގެ ފޯރި އަދިވެސް ކެނޑިގެނެއް ނުދެ އެވެ. މި ފޯރިއެއް ކެނޑިގެން ހިނގައިދާނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

ސައިންސްވެރިން ބުނަނީ ސެލްފީ ނެގުމަކީ މީހާ މޮޔަކޮށް އެކަމަށް ދެހިހިއްޕާލާ ކަމެއް ކަމަށެވެ. އެހެންވީމަ މޮޔަވީމަ ދެން އަބަދުވެސް ކުރާނީ އެއް ކަމެކެވެ.

އެހެންވީމަ ސްމާޓްފޯނުތަކާ އެކު މީހުން ސްޓްޕިޑްވަނީއެއް ނޫން ހެއްޔެވެ؟

މިއީ ވެސް އަދިވެސް މަރުނުވެ އޮތް ޓްރެންޑެކެވެ. މި ރޯދަ މަހު ސްމާޓް ފޯނުން ފޫހިފިލުވާ ވަރަށް ގިނަ މީހުންގެ ބައިވެރިޔަކަށް ސްމާޓް ފޯނުގެ މަޝްހޫރު މި ގޭމު "ކްލޭޝް އޮފް ކްލޭސް" ވާނޭކަން ޔަގީނެވެ.

މި ގޭމެއްގެ ފޯރިއެއް ދިވެހިންގެ ތެރޭގައި ގަދަވެގެން ގޮސްފައި އޮތް މިންވަރަކީ އަސްލު ދިރިއުޅުމަށް ނުކުރާ އިތުބާރާއި އަސްލުދިރިއުޅުމުގައި ނުވާ ގުރުބާނީތައް މި ގޭމު ކުޅޭ ގިނަ ދިވެހިން މީގެ ހިޔާލީ ދުނިޔޭގައި ވަމުންދާކަމެވެ. މި ގޭމުގެ ފޯރިއާ ގުޅިފައިވާ "ޖެމްސް" ހިޔާލީ ފައިސާއަކަށް ވިޔަސް އަމިއްލަ ޖީބުން ބޮޑު ޚަރަދުކޮށްގެން މި ޖެމްސްތައް ގަނެގެން ގޭމުގެ ދުނިޔެ އަށް ގެއްލި ބިތަކަށް ޖެހިފައިވާ މީހުން ވަރަށް ވެސް ގިނަ އެވެ.

މިއީ ވެސް ސްމާޓް ފޯނާ އެކު ދިވެހިންގެ ލައިފްސްޓައިލަށް އައި ބޮޑެތި އަދި ފަސޭހަ ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ. އެހެންވީމަ ރޯދަ މަހު ވަރަށް ގިނަ ބަޔަކު ކަންނެތްވެ ވާތާވެގެންދާއިރު މި ފަސޭހަ ބަދަލުގެ ބޭނުން ހިފާ މީހުން އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ދިވެހިންގެ ތެރޭގައި ވެސް މަގްބޫލުކަން ހޯދާފައިވާ މެސެޖިން އެޕްލިކޭޝަން "ވައިބާ" އަކީ ވަރަށް ގިނަ ބަޔަކު އެކި ރޭވުންތައް ރާވައި ފޯރީގައި ކަންކަން ހިންގާލުމަށް ބޭނުންކުރާ އެޕެކެވެ. މީގެ ތެރެއިން މޮޅެތި ރޭވުންތައް ރާވައިގެން ފޯރި ނަގާއިރު ސްމާޓް ފޯނު ނުގެންގުޅޭ މީހުން ތިބެނީ އާންމުކޮށް ބޭކާރުވެފަ އެވެ.

އެހެންވީމަ އާންމުކޮށް އޮފީހެއްގައި އުޅޭ ނަމަވެސް ސްމާޓް ފޯނަކާއި ވައިބާގެ މުހިންމުކަން ވަރަށް ބޮޑުވެ އެވެ.

މީގެ އިތުރުން ސްމާޓްފޯނު ގެންގުޅޭ މީހުންގެ މެދުގައި ވައިބާ ގްރޫޕްތަކުގެ ފޯރިއަރާއިރު ރޯދަ މަހާ ގުޅުވާލައިގެން ދީނީ ނަސޭހަތާއި ދަރުސަށް ހާއްސަ ގްރޫޕްތައް ހިންގާކަން ފާހަގަކޮށްލެވެ އެވެ.