ޓްރާންސްޕޯޓް އޮތޯރިޓީ

ގަރާޖުން ބޭރުގައި ޕާކު ކުރާ ކާރުތަކުގެ ހުއްދަ ބާތިލު ކުރަނީ

ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ހުއްދަ ދީފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކު ކުރާނަމަ އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުވާ ގޮތަށް، ގަވައިދު ބަދަލުކޮށްފި އެވެ.

"ގަރާޖު ރަޖިސްޓްރީ ކުރުމުގައި އަމަލު ކުރާނެ އުސޫލު"އަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ޕާކް ކުރަން ހުއްދަ ދީފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކްކޮށްފި ނަމަ، އެ އުޅަަނދެއްގެ ރަޖިސްޓިރީ ހިފަހައްޓާނެ އެވެ. އަދި އެ އުޅަނދުތައް ދަންވަރު 12:00 ފެށިގެން ހެދުނު 06:00 އާ ދެމެދު ގަޑި އިރަކަށް ވުރެ ގިނައިރު ވަންދެން މަގުމަތީގައި ޕާކު ކޮށްފައި ބެހެއްޓުން މަނާވާނެ ކަމަށް ވެސް އެ ގަވާއިދުގައި މިހާރު ބުނެފައިވެ އެވެ.

އުޅަނދުތައް ބޭއްވުމަށް ދެވޭ ހުއްދަައިގެން ދަށުންް މިހާރު ހުއްދަށް ދެވޭނީ، ގޭގެ ރަޖިސްޓިރީގައި ހިމެނޭ މީހުނަށް އެކަނި ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ. އަދި އުޅަނދުތައް ޕާކު ކޮށްފައި ވަނީ ރަޖިސްޓާކޮށްފައިވާ ގަރާޖުގައިތޯ މިނިސްޓްރީގެ އޮފިޝަލުން ބަލާ ޗެކް ކުރާނެ ކަމަށާއި އެ ގަރާޖު އެހެން ބޭނުމަކަށް ބޭނުން ކުރަމުންދާ ނަމަ، ގަރާޖުން އުޅަނދު ޕާކު ކުރުމުގެ ހުއްދަ އަތުލާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ވިޔަފާރިގޮތުން އުޅަނދުތައް ޕާކު ކުރުމަށް ހުއްދަށް ދީފައިވާ ގަރާޖެއްގައި، އިތުރު އުޅަނދުތަކެއް ޕާކް ކުރަން ބޭނުންވާނަމަ، ގަރާޖުގެ ވެރިފަރާތާއި، އުޅަނދުގެ ވެރިފަރާތާއި، އުޅަނދު ޕާކް ކުރުމަށް ވެފައިވާ އެއްބަސްވުން މިނިސްޓިރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ. އަދި އުޅަނދުގެ ވެރިފަރާތުން ބޭނުން ކޮންމެ ވަގުތެއްގައި ވެސް ޕާކް ކުރުމުގެ ހުއްދަށް ދީފައިވާ އެއްބަސްވުމެއް ވެސް ހުށަހަޅަންޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ އެ ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރު ފުރަތަމަ ދުވަހުން ފެށިގެން އެވެ.

މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓާ ކުރެވޭނީ އެ އުޅަނދު ޕާކު ކުރެވޭނެ ގަރާޖެއް އޮތް ކަމުގެ ލިޔުމެއް ހުށަހަޅައިގެނެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން އެއް ގަރާޖެއްގެ ނަން މަތީ އެތަށް ސަތޭކަ ކާރެއް މާލެ އެތެރެކޮށް ބޭނުން ކުރަމުން އެބަދެ އެވެ. އޭގެ ސަަބަބުން ޕާކު ކުރާނެ ތަނެއް ނެތި، ކާރުތަކާއި ޕިކަޕު އަދި ލޮރީ ފަދަ ތަކެތި ޕާކު
ކުރަން ޖެހެނީ މަގުމަތީގަ އެވެ.