ހަބަރު

ޓެކްސީ ޑްރައިވަރުންނާ މަޝްވަރާކޮށް އަގުތައް މުރާޖައާ ކުރަނީ

Dec 23, 2018
18

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރުމަށް ފަހު އަގުތައް މުރާޖާ ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިހާރު އާންމުކޮށް ޓެކްސީތަކުން ދަތުރުކޮށްދެނީ ބްރިޖަށް ނުވަތަ ހައިވޭއަށް އަރާނަމަ 100 ރުފިޔާއަށެވެ. އަދި ބައެއް ޓެކްސީތަކުން އެއް ފަހަރާ ދެ ފަސިންޖަރުން އަރުވައިގެން ދަތުރު ކުރާއިރު ކޮންމެ ފަސިންޖަރެއް އަތުން ވެސް 100 ރުފިޔާ ނަގަ އެވެ. އެކަމާ ގުޅިގެން އާންމު އެތަށް ބައެއްގެ ޝަަކުވާ ވަނީ ބޮޑުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޓްރާސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓްރީގެ އިސް އޮފިޝަލުންނާއެކު އައިޝާ މާދަމާ ޓެކްސީއެއްގައި ހުޅުމާލެ ވަޑައިގަންނަވާނެ ކަމަށެވެ. އެއަށް ފަހު ޓެކްސީ ޑްރައިވަރުންނާއެކު އަގުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަގުތައް މުރާޖާ ކުރަން ފެންނަ ނަމަ މުރާޖާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަގުތައް ބޮޑު ކުރާ މައްސަލާގައި ޓެކްސީ ޑްރައިވަރުންގެ ހިޔާލު ހޯދުން ވެސް މާދަމާގެ ޓެކްސީ ދަތުރުގައި ހިމެނޭ،" އޮފިޝަލް ވިދާޅުވި އެވެ.

ގަވައިދުގައިވާ ގޮތުން މާލެ ތެރެ އަދި ހުޅުމާލެ ތެރޭގެ ދަތުރުތަކަށް ނަގާނީ 25 ރުފިޔާ އެވެ. އަދި މާލެއިން އެއާޕޯޓަށް ނުވަތަ ހުޅުމާލެއިން އެއާޕޯޓަށް ނަގާނީ 35 ރުފިޔާ އެވެ. އޭގެ އިތުރުން މާލެއިން ހުޅުމާލެއަށް އަދި އަދި ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ އަގަކީ 40 ރުފިޔާ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.