ހަބަރު

ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރަން ހުޅުވާލައިފި

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރަން ބޭނުންވާ ފަރާތްތައް އެ ޕާޓީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ ފަރާތުން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމަޔަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުން ޖޭޕީގެ މައި އިދާރާއަށް އެކަންކަން ހުށަހަޅުއްވަމަށް އެދޭ ކަމަށާއި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ނިމުމަށް އިއުލާން ކުރައްވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

ޖޭޕީ އިން ކުރިން ނިންމާފައި ވަނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް 22 ދާއިރާއަށް ވާދަ ކުރުމަށެވެ. އަދި އެ އެއްބަސްވުމަށް އިހުތިރާމް ކުރައްވާނެ ކަމަށް އެ ޕާޓީ އިން ތަކުރާރުކޮށް ދިޔައީ ބުނަމުންނެވެ. އަލީ ސޯލިހު ވިދާޅުވީ ވަކި ދާއިރާތަކަކަށް ކުރިމަތިލުމަސް އަދި ވަކި ދާއިރާއެއް ކުރިމަަތި ނުލާ ދޫކޮށްލުމަށް ވެސް އަދި މަޝްވަރާ ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ވަރަށް މުހިންމު ނިންމުމެއް ނިންމާފައި މިއޮތީ. އަޅުގަނޑުމެން އަދި ވަކި ދާއިރާއަކަށް ކުރިމަތިލުމަށް ނުވަތަ ވަކި ދާއިރާއެއް ދޫކޮށްލުމަށް އެކަހަލަ އެއްވެސް މަޝްވަރާއެއް ނުކުރެވޭ. އަދި ދާއިރާތަކަށް ކުރިމަތިލާނީ ކޮންގޮތަކަށްތޯއެއް މަޝްވަރާއެއް ނުކުރެވޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުސަތު ހުޅުވާލީ," އަލީ ސޯލިހު ވިދާޅުވި އެވެ.

ކޯލިޝަން އިން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

ނަމަވެސް އެމްޑީޕީ އިން ވަނީ 86 ދާއިރާއަށް ވާދަ ކުރަން ނިންމާފަ އެވެ. އެއާއެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ދާދި ފަހުން ވަނީ ހުރިހާ ދާއިރާއަކަށް ވާދަ ކުރަން އެ ޕާޓީއަށް ވެސް ކެރޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރަން ޖެހިއްޖެއާ އެކަން ވެސް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.